އައްޑޫ މަރުކަޒީ އިންޖީނުގެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުން އަންނަ އިރު މިއަދު އެންމެ ބޮޑު ކަންބޮޑުވުމަކީ އާބާދީ ބޮޑު އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި ބެކަޕް ކަރަންޓު ނެތުމެވެ.
"އައްޑޫލައިވް" އާއި މައުލޫމާތު ހިއްސާ ކުރި ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފުޅަކު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބެކަޕް ޖަނަރޭޓަރެއް ހޯދުމަށް ބަޖެޓްގައި ހިމަނައި މިނިސްޓްރީއަށް ފޮނުވިކަމަށެވެ. އޭނާ އެކަން ކަށަވަރުކޮށްދެއެވެ.
ނަމަވެސް ކޮންމެ ފަހަރަކު ބަޖެޓްގައި ހިމަނާ ބެކަޕް ޖަނަރޭޓަރ މިކޮޅު މިނިސްޓްރީން ކަނޑާލާކަމަށް އޭނާ ބުންޏެވެ.
"ހޮސްޕިޓަލުން ބެކަޕް ޖަނަރޭޓަރެއް ހޯދުމަށް ބަޖެޓްގައި ހިމަނާ، އެކަމަކު މިނިސްޓްރީން އެބައި ކަނޑާލާ، ނޭގެ ކީއްވެގެން ކަން އެހެން ހަދަނީ، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އައްޑޫގެ ތިން ބޭފުޅަކު ތިއްބެވި، މިހާރު އެއް ބޭފުޅަކު ވަކިވި ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު އެނގޭނެ ސްޓޭޓް މިނިސްޓަރަކު ވެސް އެބަ އިންނަވާ"
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މީގެ ކުރިން ދެ ބެކަޕް ޖަނަރޭޓަރ ސެޓު ހުއްޓެވެ. އޭގެ ތެރެއިން އެއް ސެޓް ހެލްތު މިނިސްޓަރަކަށް ޒުހޫރު ހުންނެވި ދުވަސްވަރު ވަނީ ހުޅުމީދޫ ސިއްހީ މަރުކަޒަށް ވަނީ ފޮނުވާލާފައެވެ. އެ ފޮނުވި ޖަނަރޭޓަރ ހުޅުމީދޫއަށް ގެންދިޔަ ގޮތަށް ބޭނުން ނުކޮށް ބަހައްޓާފައި އެބަހުއްޓެވެ.
ހޮސްޕިޓަލުގައި ހުރި ދެވަނަ ޖަނަރޭޓަރ ސެޓަކީ ބޭނުން ނުކުރެވޭ ވަރަށް މައްސަލަ ޖެހިފައިވާ ޖަނަރޭޓަރެކެވެ.
ފެނަކައިގެ ކަރަންޓް ނެޓްވޯކަށް މައްސަލަ ޖެހުން އިތުރުވެފައިވާ އިރު ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލުގައި ބެކަޕް ކަރަންޓް ނެތި ތަނުގައި ތިބި ބަލިމީހުން ނުރައްކަލުގެ ތެރޭގައި ތިބުމެވެ.
ހެލްތު މިނިސްޓްރީން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ ސަރުކާރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޖަނަރޭޓަރެއް ފޮނުވައި އިންސްޓޯލް ކޮށްދެވޭނެކަމަށެވެ. ނަމަވެސް އެކަން ނުކޮށް ލަސް ކުރާ ސަބަބެއް ނުވިސްނޭ ކަމަށެވެ.
"ސަރުކާރަށް ކީއްވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޖަނަރޭޓަރެއް ނުފޮނުވެންވީ، އެއަށް ވުރެ މާ ބޮޑެތި ކަންކަން މި ސަރުކާރުން މި ކުރަނީ، އަނެއް ކޮޅުން ސްޓޭޓް މިނިސްޓަރ ހަބީބުމެން އެތިއްބަވަނީ އަބަދު އަބަދު އައްޑޫއަށް ދަތުރު އަޅާލަ އަޅާލަ، އެބޭފުޅުންނަށް މާ ރަނގަޅަށްވެސް އެކަން އެނގޭނެ، އެކަން ހުއްޓުވިގެން ނުވާނެ"
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ތަކުރާރުކޮށް ބެކަޕް ޖަނަރޭޓަރ ބަހައްޓައި ދިނުމަށް އެދެމުން ދަނިކޮށް މިދިޔަ އަހަރު އޮގަސްޓް މަހު ތެރޭ ސަރުކާރުން ވަނީ ފުވައްމުލަކު ސިއްހީ މަރުކަޒުގައި ބެކަޕް ޖަނަރޭޓަރ ސެޓް ބަހައްޓާފައެވެ.
"އައްޑޫން އެދި އެދި ތިއްބާ ފުވައްމުލަކު ހޮސްޕިޓަލްގެ ބަޖެޓްގައި ޖަނަރޭޓަރ ސެޓެއް ޖަހައިގެން ގަނެ މިހާރު އެވަނީ އިންސްޓޯލް ކޮށް ނިންމާފައި، ކަންކަން އެބަ ކުރޭ، އެކަމަކު އައްޑޫއަށްވީމަ ތަފާތު ކުރާކަން މި ފެންނަނީ، ފުވައްމުލައް ނޫން އެހެން ހޮސްޕިޓަލްތަކަށްވެސް މިފަދަ ކަންކަން ކޮށްދީފައި ހުންނަންޖެހެނީ، އެއީ ސަރުކާރުން ކޮށްދޭން ޖެހޭ ކަންކަން"
އައްޑޫން ކަރަންޓް ކެނޑުން އިތުރު ވަމުންދާތީ ފެނަކައިންވެސް ވަނީ ހޮސްޕިޓަލުން ކަރަންޓް ނުކެޑޭނެ ގޮތެއް ހެދުމަށް މަޝްވަރާކޮށްފައެެވެ.
އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ނުވެ 5 އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާ އިރު މިފަދަ ސީރިއަސް މައްސަލައަކަށް ކަމާއި ބެހޭ ފަރާތްތަކުން އަޅާނުލައި ދޫކޮށްލާފައި އޮތުމަކީ ބޮޑު އިހުމާލެކެވެ. މިކަމަށް އަވަސް ހައްލެއް ބޭނުމެވެ.