ޖަލަށް ހުކުމްކޮށްފައި ހުރި ކުށްވެރިއަކު ހޯދަން ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ އެޕާޓްމެންޓް ފުލުހުން އަނެއްކާވެސް ބަލައި ފާސް ކޮށްފިއެވެ.
ސްނޯރޯޒްގައި ފާރިސްގެ އާއިލާ ދިރިއުޅެމުންދާ އެޕާޓުމެންޓް ފާސްކޮށްފައި ވާއިރު، އެ ގޭގެ އެހެން ފަންގިފިލާއެއް ގައި އުޅެމުން ދިޔަ ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފު ހައްޔަރުކޮށް އަރީފު ދިރިއުޅެމުންދާ އެޕާޓުމެންޓު ވެސް ވަނީ ބަލައި ފާސް ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ސްނޯރޯޒުގައި ފާރިސް އުޅުއްވާ އެޕާޓުމެންޓު ފާސް ކުރަން ދިއުމުން ފާރިސްގެ އަނބިކަނބަލުން ވަނީ އެކަމަށް ހުރަސް އަޅުއްވާފައެވެ. ނަމަވެސް ފުލުހުން ވަނީ އެ ގެ ފާސް ކުރަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ އެ އެޕާޓުމެންޓު ވެސް ފާސްކޮށްފައެވެ.
ފާރިސްގެ ވަކީލު މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އަނެއްކާވެސް ފާރިސްގެ އެޕާޓްމެންޓް ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށާއި، އެއީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ކުރިއަށްގެންދިޔަ ކަމެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
.@PoliceMv have this morning conducted yet another search of @afarismaumoon apartment under what they believe to be #StateOfEmergencyMV
powers.No black suitcases were seized during this operation, so the 3rd time was definitely not the charm for them.
— Maumoon Hameed (@maanhameed) March 6, 2018
އަދި ފާރިސްގެ އެޕާޓްމެންޓް އިން ފުލުހުންނަށް އެއްވެސް "ކަޅު ފޮށިތަކެއް" ފެނިފައިނުވާ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.
މިއީ ފުލުހުން ފާރިސްގެ އެޕާޓްމެންޓް ބަލައިފާސްކުރި ތިންވަނަ ފަހަރެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިނުމާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް މިހާރުވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.
ސްޕްރީމް ކޯޓުން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސްވެސް ހިމެނިވަޑައިގަންނަވައެވެ.
ފާރިސްގެ އިތުރުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައެވެ.