މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތެއް މިއަދަށް ތާވަލުކޮށްފިއެވެ.
އެގޮތުން އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު 15:00 ގައެވެ.
މި މައްސަލާގައި ދައުވާ ލިބޭ މީހުންނާއި ދެކޮޅަށް ދައުލަތުން 29 ހެކި ހުށަހަޅާފައިވާއިރު ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގ. ހިލްޓަން އާލިފް ރައޫފާއި، ގދ. ވާދޫ ކަރަންކާގޭ މުހައްްމަދު ނޫރުއްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.
ސުއައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައިވެއެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.
އެމައްސަލައިގެ އަޑުއެހުމެއް މިމަހުގެ އެއްވަނަ ދުވަހު ބާއްވާފައިވާއިރު،އެއަޑުއެހުމުގައި ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު ހަތް މީހެއްގެ ހެކިބަސް ނަގާފައިވެއެވެ.
ޤާނޫނީ ގޮތުން އޮތް ގޮތެއް ބެލުމަށްފަހު ދެން އޮންނަ އަޑުއެހުމެއްގައި ރިލްވާންގެ ބޭބެ މޫސާ ރިލްވާނުގެ ހެކިބަސް ނެގުމާއިމެދު ގޮތެއް ނިންމާނެ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.
ރިލްވާން އެންމެ ފަހުން އެރުވިކަމަށް ބުނާ ރަތް ކާރުގެ ތެރެއިން ފެނުނު އިސްތަށި އޭނާގެ މަންމަގެ ޑީއެންއާއި ދިމާވެފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، ރިލްވާންގެ އާއިލާއިން މިހާތަނަށް ބަޔާންނަގާފައިވާ އެއްވެސް މީހަކު އެރަތް ކާރަށް އަރާފައި ނުވާކަމަށް ބުނެއެވެ.
ވީނުވީއެއް ނޭނގި ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.