ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންގެ ސަދަގާތު ފައުންޑޭޝަނަށް އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ނެގި ހައްޖު ކޯޓާތަކެއް ދިނުމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
ސަދަގާތު ފައުންޑޭޝަނަށް 2016 ވަނަ އަހަރު 50 ކޯޓާ ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމާފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.
އެ މައްސަލަ ނިންމުމަށްފަހު އޭސީސީން ބުނެފައިވަނީ ހައްޖު ކޯޓާތައް ދީފައިވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. އޭސީސީން ބުނެފައިވަނީ 2016 ވަނަ އަހަރު ދަރުމައަށް މަސައްކަތް ކުރާ ފަރާތަކަށް އިސްލާމިކް އެފެއާޒްގެ ބޭނުމަށް ރިޒާވްކޮށްފައިވާ 400 ކޯޓާއިން 63 ކޯޓާ ހަމަޖައްސާދީފައިވާ ކަމަށެވެ.
"މިނިސްޓްރީއަށް ރިޒާވްކުރާ ކޯޓާ ބެހުމުގެ އުޞޫލުގައި ދަރުމައަށް އެދި މަސައްކަތްކޮށްދޭ ފަރާތްތަކަށް ޙައްޖު ކޯޓާ ދޫކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާތީ މިމައްސަލައިގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، ޤާނޫނު ނަންބަރު 2008/13 (އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ( ގެ )1) ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ،" އޭސީސީން ބުނެފައިވެއެވެ.