އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަހުމަދު ޝަރީފު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ފާސްކޮށްފައެވެ.
އިދިކޮޅު މެމްބަރުންގެ ބައިވެރިވުމަކާ ނުލާ ކުރިއަށް ގެންދިޔަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 33 މެމްބަރުން ވަނީ ވޯޓު ދީފައިވެއެވެ. ދެކޮޅަށް ވޯޓު ދިނީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެކަންޏެވެ.
"މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވައިގެން ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ޝަރީފްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެމްޑީޕީން ވަނީ މީގެ ކުރިން ހުށަހަޅާފައެވެ."
މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން ޝަރީފަށް ރުހުން ދީ، ނަން ފާސްކޮށްފައިވަނީ އިންޓަވިއުކޮށް، 77.3 ޕަސެންޓު މާކްސް ލިބިގެންނެވެ.
ޝަރީފަކީ މީގެ ކުރިން އީސީ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޝަރީފު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރަނީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.