މީގެ ކުރިން ސިޔާސީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތް ކުރި ނަމަވެސް އިލެކްޝަން ކަމިޝަނު (އީސީ)ގެ ދައުރު އަދާ ކުރުމުގައި ވަކިކޮޅަކަށް ނުޖެހޭނެކަމުގެ ޔަގީންކަން މިއަދު އީސީގެ ރައީސްކަމަށް ވަޑައިގެންނެވި އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަން ކަމިޝަންގެ މެމްބަރުކަމަށް މިއަދު ޝަރީފް އައްޔަން ކުރެއްވުމަށްފަހު ކޮމިޝަންގެ ރައީސްކަމަށް އެކަމިޝަންގެ މެމްބަރުންގެ ތާއިދާއި އެކު އިންތިހާބްވެވަޑައިގެން ފުރަތަމަ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުގެ ތެރެއިން މަސައްކަތް ކުރައްވާނެކަމަށާއި އެގޮތަށް މަސައްކަތް ކުރުމުގައި ވަކި ފަރާތަަކަށް ނުޖެހޭނެކަމަށެވެ.
އިދިކޮޅު މެމްބަރުންގެ ބައިވެރިވުމަކާ ނުލާ ކުރިއަށް ގެންދިޔަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 33 މެމްބަރުން ވަނީ ވޯޓު ދީފައިވެއެވެ. ދެކޮޅަށް ވޯޓު ދިނީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އެކަންޏެވެ.
މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން ޝަރީފަށް ރުހުން ދީ، ނަން ފާސްކޮށްފައި ވަނީ އިންޓަވިއުކޮށް، 77.3 ޕަސެންޓު މާކްސް ލިބިގެންނެވެ.
ޝަރީފް ވިދާޅުވީ އީސީގެ މަސައްކަތް ކުރިއަށްދަނީ ގާނޫނާއި އެއްގޮތަށްތޯ ބެލުމަށް މިނިވަން މުވައްސަސާތައް ގާއިމް ކުރެވިފައިވާ ކަމަށާއި އެކަން ބަރާބަރަށް ހިނގާތޯ ބެލުމަކީ މީޑިއާގެވެސް މަސްއޫލިއްޔަތެއް ކަމަށެވެ.
ޝަރީފަކީ މީގެ ކުރިން އީސީ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.