Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ޓޭންކަރު މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި އެކު ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި ތެޔޮ ޓޭންކަރުގެ މައްސަލަ އާއި ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

'އައްޑޫލައިވް' އަށް އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ތެޔޮ ޓޭންކަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ތެލުގެ ވިޔަފާރި ކުރާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ހައްޔަރުކޮށްފައިވާ މީހާގެ ފޮޓޯ އާއި އޭނާގެ ވަނަވަރު 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ. އެހެން ނަމަވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އެކުލަވާލާފައި ވާ "އަބުރު ރައްކާތެރިކުރުމުގެ" ގާނޫނު އޮތް ގޮތުން އެ މައުލޫމާތު ހާމަކުރެވޭކަށް ނެތެވެ.

ތެޔޮ ޓޭންކަރުގެ މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފައި ވާއިރު މީގެ ކުރިން ދިވެހި ސަރުކާރުން ވަނީ އެ ތެޔޮ ޓޭންކަރަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް އެ ތެޔޮ ޓޭންކަރަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށް މެރިޓައިމް ވެބްސައިޓްތަކުން ދައްކައެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެއީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށް ބުނެފައެވެ.