Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އީސީ މިނިވަނެއް ނުވާނެ: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން މަޖްލިސްއަށް ނުވައްދައި ބައެއް މެމްބަރުން ޖަލުގައި ހައްޔަރުގައި ބައިތިއްބައިގެން މިއަދު އިލެކްޝަން ކަމިޝަނަށް އައްޔަން ކުރި ޝަރީފަކީ ސިޔާސީ ބޭފުޅެއްކަމަށާއި، އިލެކްޝަން ކަމިޝަން މިނިވަން ނުވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު އަލީ ޝާހު ވިދާޅުވީ އިލެކްޝަން ކަމިޝަނަށް ޝަރީފު އައްޔަން ކުރީ އުސޫލާއި ހިލާފަށް ކަމަށެވެ.

ޝާހު ވިދާޅުވީ މަޖްލިސްގެ ބައެއް މެމްބަރުން ހައްޔަރުކޮށް 12 މެމްބަރަކަށް ވަދެވިޔަ ނުދީ ޖަލްސާއެއް ކުރިއަށް ގެންގޮސްދާނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

ޝަރީފަކީ ޕީޕީއެމްގެ ސީދާ ހަރަކާތްތަކުގައި ބައިވެރިވާ ބޭފުޅެއްކަމަށް ޝާހު ވިދާޅުވިއެވެ.

ޝަރީފު އިލެކްޝަން ކަމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރަން މިއަދު މަޖްލިސްގެ 33 މެމްބަރުން ވޯޓު ދެއްވުމާއި ގުޅިގެން މިއަދު ބޭއްވި އީސީގެ މެމްބަރުންގެ ބައްދަލުވުމުން ޝަރީފުއަށް ވަނީ އިލެކްޝަން ކަމިޝަންގެ ރައީސްކަމަށް ހޮވާފައެވެ.

އީސީގެ ރައީސް ކަމަށް އިންތިހާބު ވުމާއި ގުޅިގެން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޝަރީފު ވިދާޅުވީ އިލެކްޝަން ކަމިޝަންގެ މަސައްކަތް ވަކިކޮޅަކަށް ބުރަނުވެ ކުރިއަށް ގެންދާނެކަމަށެވެ. ނަމަވެސް މިވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.