Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މާދަމާ އިން ފެށިގެން ހެޔޮކުރާ ގޮތަށް އެ ކުންފުނިން މިރޭ ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ، 7 މާޗު 2018 ވަނަ ދުވަހުން ފެށިގެން، އެކުންފުނިން ވިއްކާ ޑީސަލް ލީޓަރަކުން 20 ލާރި އަގު ހެޔޮކޮށްފައި ވާއިރު ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

މާދަމާ އިން ފެށިގެން އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކާނީ 10.21 ލާރި އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.11 ލާރި އަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ ޖެނުއަރީ މަހު ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގު ބޮޑުވީ ކަމަށް ބުނެ ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެ ފަހަރު ޑީސަލް ލީޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި އަގު ބޮޑުކުރި އެވެ.

މީގެ ކުރިން އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ތެލުގެ އަގު ހެޔޮކޮށްފައެވެ.

އެ ފަހަރު ތެލުގެ އަގު ހެޔޮ ކުރީ، އެ އިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހާ ގުޅިގެންނެވެ.