Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ދެ ލެގުން ވެސް ބަލިވެ ޕީއެސްޖީ ކަޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ރައުންޑުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ފްރާންސުގެ ޕީއެސްޖީ ބައްދަލުކުރި މެޗުގެ ދެވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅެގެންވެސް ޕީއެސްޖީ ބަލިވެ، މުބާރާތުން އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

ރޭ ކުޅުނު މެޗު ރެއާލް ކާމިޔާބުކޮށްފައިވަނީ 1-2 (2-5) އިން މޮޅުވެގެންނެވެ. އަނިޔާގެ ސަބަބުން ޕެރިހުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ނޭމާއަށް ރޭގެ މެޗުގައި ބައިވެރިނުވެވިފައިވި ނަމަވެސް ޕީއެސްޖީގެ ކޯޗު ބުނެފައިވަނީ ނޭމާ ނެތްތަން ފޫބައްދަން ޑިމާރިއާ ތައްޔާރަށް ހުރި ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިމިގެން ގޮސްފައިވާއިރު ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓު ތެރޭ ރެއާލްއިން ވަނީ ރޮނާލްޑޯގެ ގޯލަކާއެކު ލީޑު ނަގާފައެވެ. ދެން ފެނިގެން ދިޔައީ ޕެރިގުގެ މާކޯ ވެރާޓީއަށް ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިތަނެވެ.

ނަމަވެސް 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޕެރިހުުން ވަނީ 71 ވަނަ މިނެޓުގައި ގޯލެއް ޖަހާފައެވެ. އެޑިންސަން ކަވާނީ ގޯލު ޖަހާފައިވަނިކޮށް ހުރިހާ އުއްމީދެއް ފަންފުލުން ދިޔައީ 80 ވަނަ މިނެޓުގައި ކަސެމީރޯ ރެއާލަށް ދެވަނަ ފަހަރަށް ލީޑު ނަގާ ދިނުމާއެކުގައެވެ.