ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ޕާކިސްތާނުގެ ދެ މީހަކު އަތުލައިގެންފިއެވެ.
ޕާކިސްތާނު ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އަތުލައިގެންފައި ވަނީ ދެމަފިރިން ކަމަށާއި އެމީހުން މަސައްކަތް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ކަމަށެވެ. އަދި އެ ދެމަފިރިންގެ އަތުން 20 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ޕާކިސްތާނުން ބުންޏެވެ.
މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ދެމަފިރިންގެ އަމަލުތަކާމެދު ޝައްކުކުރެވިގެން، ލަގެޖު ފާސްކޮށް ބެލުމުން ކަމަށާއި އަދި ފަހުން އެގައުމުގެ ފުލުހުން ދެމަފިރިންގެ އެޕާޓްމެންޓު ބެލިއިރު އެތަނުން ވެސް މަ ސްތުވާތަކެތި ހޯދާފައިވާ ކަމަށް ޕާކިސްތާނުގެ ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
އަތުލައިގެނެވިފައިވަނީ މަސްތުވާތަކެތީ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށާއި އޭގެ ޖުމުލަ އަގު 1.8 މިލިއަން ޑޮލަރަށް އަރާ ކަމަށް ޕާކިސްތާނުގެ މީޑިޔާތަކުން ބުނެފައިވެއެވެ. އަދި މިއީ ފާއިތުވެދިޔަ 10 އަހަރު ތެރޭ ޕާކިސްތާނުގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވުނު ފުރަތަމަ އަހަރު ކަމަށް އެގައުމުން މައުލޫމާތު ދެއެވެ.