ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، މައްސަލައިގެ އިސްތިއުނާފުގެ މަރުހަލާ ނިމޭ ހިސާބުން އެފަނޑިޔާރަކު ވަގުތުން ވަކިކުރެވޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށައަޅައިފިއެވެ.
ޕީޕީއެމްގެ ފަރާތުން ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މަޖިލީހަށް ހުށައެޅި މިއިސްލާހު ފާސްވެއްޖެނަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާއި ކުށެއް ސާބިތުވުމުން ޖޭއެސްސީން މަޖިލީހަށް މައްސަލަ ހުށައަޅައި މަޖިލީހުން ގޮތެއް ކަނޑައަޅަން ނުޖެހި، އެ ފަނޑިޔާރަކު މަގާމުން ވަކިވެގެން ދާނެއެވެ.
މިހާރު އޮންނަ ގޮތުން ނަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވިޔަސް އެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، މަޖިލީހުން ގޮތް ކަނޑައެޅުމުންނެވެ.
މީގެ އިތުރުން މިއިސްލާހުގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ކުށުގެ ދައުވާއެއް އުފުލި އެމައްސަލައިގެ އިސްތިއުނާފުގެ މަރުހަލާ ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށާއި އެފަދަ މައްސަލައެއް އިސްތިއުނާފަށް ހުށައަޅަން ޖެހޭ މުއްދަތުވެސް ހިމަނާފައިވެއެވެ.
އެގޮތުން ދަށު ކޯޓަކުން ނިންމާ އެފަދަ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފުކޮށްފިނަމަ 30 ދުވަސް ތެރޭގައި އެމައްސަލަ ބަލައި، ގޮތް ކަނޑައެޅުމަށާއި ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާތާ 30 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި، ގޮތް ކަނޑައަޅަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއި ކުށެއްގެ ތުހުމަތުކޮށް، ހައްޔަރުކޮށްފިނަމަ ވަގުތުން ފަނޑިޔާރަކު ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ހައްޔަރުކުރުމުން ސަސްޕެންޑު ކުރިޔަސް މުސާރަ ލިބޭނެ ކަމަށާއި އެ ފަނޑިޔާރަކާ ދެކޮޅަށް ދައުވާ އުފުލާ ހިސާބުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑު ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ސުޕްރީމް ކޯޓުގެ ތެރެއަށް ގަދަ ބާރުން ވަދެ ގަނެ، އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްފައިވަނިކޮށެވެ.