Last Updated: April 24, 21:16
Wednesday, April 24, 2024
ޚަބަރު

އެންޓި ޑިފެކްޝަން ބިލަށް މަވޯޓާ ޝަރީފް ތާއީދު

މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ތާއީދުކޮށްފި އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެއް ޕާޓީއަކުން ހޮވުނު މެމްބަރަކު، އަނެއް ޕާޓީއަކާ ގުޅިވަޑައިގަންނަވަނީ ގޮނޑި ދޫކުރައްވާފައި ކަމަށެވެ. އެހެންވެ އަލުން އެ ގޮނޑި ބޭނުން ނަމަ، އެ މެމްބަރަކަށް ޖެހޭނީ އިންތިޚާބުގައި އަލުން ކުރިމަތިލައްވަން ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ފޮނުއްވި އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިއުން މިހާރު އިއްވައިފަ އެވެ. އަދި އަންނަ ހަފުތާގައި އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުހަލާ ފަށާނެ އެވެ.

އެންޓި ޑިފެކްޝަން ބިލާ ގުޅިގެން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.

އެ ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓްގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލައަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުން، މިއިން ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގޮނޑި ގެއްލޭނެ އެވެ. އެކަމަކު މިއީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތުތަކެއް ނޫނެވެ.

އެހެންވެ ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް އެ ބިލް ގާނޫނަކަށް ނުހެދޭނެ ކަމަށެވެ.

މަޖިލީހަށް އިންތިހާބުވާ މިނިވަން މެމްބަރަކު އޭނާގެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ ހިނގަން ފަށާނީ، ބިލްގައި މިހާރު ބުނެފައިވާ ގޮތުގައި، ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.