Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ގްރެޖްއޭޝަން ފަސްކުރުމުން ކަންބޮޑުވުން ފާޅު ކުރަނީ

ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ބެޗްލާ އޮފް ޕްރައިމެރީ ޓީޗިން ހެދި ދަރިވަރުންތަކެއް ގްރެޖުއޭޝަން ސެރަމަނީ ފަސްކުރުމާ ގުޅިގެން އެ ކޯސް ހެދި އައްޑޫގެ ގިނަ އަދަދެއްގެ ޓީޗަރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން މާލޭގައި ގްރެޖުއޭޝަން ބާއްވަން އޮތީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެެއް ހަފުލާއެއްގައި ގްރެޖުއޭޝަން ބޭއްވޭ ވަަރަށް ވުރެ ދަރިން ގިނަ ކަމަށް ބުނެ ޔުނިވަސިޓީން ވަނީ ދެ ދުވަހެއްގައި ގްރެޖްއޭޝަން ބާއްވަން ނިންމައިފަ އެވެ.

އެގޮތުން އައްޑޫގައި ކޯސް ހެދި ދަރިވަރުން ލައްވައިލީ ދެވަނަ ޓާމްގެ ސްކޫލްގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވާ އެޕްރީލް މަހުގެ 1 ގެ ގްރެޖްއޭޝަން ސެރަމަނީގަ އެވެ.

އެކަމަކު ކުއްލި ގޮތަކަށް މި ބަދަލު ގެނައި އިރު، ގްރެޖުއޭޝަނަށް ދާން ޓީޗަރުން ވަނީ ޓިކެޓް ވެސް ނަގައިފަ އެވެ.

އޭގެ ތެރޭގައި ޝަރަފުއްދީން ސްކޫލާއި ފޭދޫ ސްކޫލާއި ނޫރާނީ ސްކޫލާއި ހިތަދޫ ސްކޫލް އަދި މަރަދޫ ސްކޫލްގެ ޓީޗަރުން ހިމެނެ އެވެެ.

"މިގޮތަށް ބަދަލު ގެނައިމަ އަަޅުގަނޑުމެންގެ ކޮންސާންތައް ވަރަށް ބޮޑު. ދެވަނަ ޓާމްގެ ކިޔެވުން ފެށޭ ދުވަހަށް ގްރެޖްއޭޝަން ބަދަލު ކުރީމަ އަޅުގަނޑުމެންނަށް ސްކޫލަށް ހާޒިރެއް ވެސް ނުވެވޭނެ. އޭގެ މާނައަކީ އެ ދުވަހު ސްކޫލުން ބަލާނީ އަޅުގަނޑުމެން ކިޔަވައި ދޭން ނުނިކުންނަ ދުވަހެއްގައި ގޮތުގައި،" މި މައްސަލާގައި ކަންބޮޑުވުން ފާޅު ކުރި ޓީޗަރަކު ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް ޓިކެޓް ނަގާފައި އޮތީމަ ދާން މަޖުބޫރު ވެސް ވާނެ. އެހެން ނޫނީ އެ ވެސް ބޭކާރުވެގެން ދާ ފައިސާ އަށް ވާނީ. އަނެއްކާ އެހާ ބުރަކޮށް ކޯސް ފުރިހަމަކޮށްފައި ގްރެޖުއޭޝަން މިސްކޮށްލަން ޖެހުމަކީ ވެސް ވަރަށް ހިތްދަތި ކަމަކަށް ވާނީ."

ޓީޗަރުން ބުނީ މިކަމަށް އެދެވޭ ހައްލެއް ހޯދައި ދޭން އެދި ހިތަދޫ ކެމްޕަހުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގައި ވެސް އެދުނު ކަމަށެވެ.

"އެކަމަކު އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަށް މިކަމުގައި އަދި އަލިމަގެއް ނުފެނިގެން މި އުޅެނީ،" ޓީޗަރަކު ބުންޏެވެ.

ޓީޗަރުން ބުނީ ދުރާލައި، ގްރެޖްއޭޝަން ބާއްވާ ތާރީހު އިއުލާންކޮށްފައި، ކުއްލި ގޮތަކަށް ތާރީހަށް ބަދަލު ގެންނަ އިރު، އެކަން ކުރަން ވާނީ ބައިވެރިންނަށް ދަތި ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ.