Last Updated: June 10, 20:48
Thursday, June 11, 2026
ސިޔާސީ

"ދޭތިން ފަހެތި" ދެވަނަ ގިއަރުގައި އައްޑު އަށް!

އެމްޑީޕީ "ދޭތިން ފަހެތި" ކެމްޕޭން ދެވަނަ ގިއަރުގައި އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއްގައި އެއް ފަހަރާ މި ހަފްތާ ބަންދުގައި ކުރިއަށްދާނެ ކަމަށް އައްޑޫ ސިޓީ އަށް އެމްޑީޕީން ކަޑަނއަޅާފައި ހުންނަވާ ކެމްޕޭން ޓީމުގެ ކޯޑިނޭޓަރު ޑރ. މުސްތަފާ ލުތްފީ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 11-14 އަށް ކުރިޔަށް ގެންދާ މި ކެމްޕެއިން ހަރަކާތުގައި އައްޑޫގެ ކޮންމެ ދާއިރާއެއްގައި ކަންމަތީ ބައްދަލުވުން ބާއްވާ، ހުރިހާ ދާއިރާއެއްގައި އެކުއެކީ ވަޢުދާ ހިނގުން ފަށްޓާ ގޮތަށް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށް ކޯޑިނޭޓަރު ވިދާޅުވިއެވެ.
އަދި އައްޑޫ ސިޓިގަ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެ މުތޯލިޔާކޮށް، ދާއިރާތަކުގެ ކެމްޕެއިން އެޖެންޓުންގެ އިތުރު ތަމްރީންތައް ވެސް މި ހަފްތާ ބަންދުގެ މި ދަތުރުގައި ކުރިޔަށް ގެންދާނެ ކަމަށް ޑރ. މުސްތަފާ ވިދާޅުވިއެވެ.

މި ދަތުރުގައި މުހިންމު މަސައްކަތެއްގެ ގޮތުން ކޮންމެ ގެއަކަށް ވަނުމުގެ ކަންކަން ރާވައި ދެވަނަ ގިޔަރުގައި ވައުދާ ހިނގަން ފެށުމަށްވެ ސް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ޑރ. މުސްތަފާ ވިދާޅުވި އެވެ.

މިގޮތުން ދާއިރާތަކުގެ ކުރާނެ މަސައްކަތްތަކުގެ މަޝްވަރާ ބައްދަލުވުންތައް ދާއިރާ ތަކުގެ ހިންގާ ކޮމިޓިއާ، ކެމްޕޭން ޓީމުގެ މެމްބަރުންނާ އެކު ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މި މަހުގެ 6 ވަނަ ދުވަހު އިފްތިތާޙް ކުރެވުނު ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު، އައްޑޫ ސިޓީގެ ޒުވާނުންނަށް ތަޢާރަފް ކުރަން ފެށުމުގެ ބައްދަލުވުންތައް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަައިވާ ކަމަށް ޑރ. މުސްތަފާ ލުތްފީ ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ކުރާ މި ދަތުރު ފެށޭނީ މިއަދުގެ ހަވީރުގެ ވަގުތެެއްގަ އެވެ.