Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

އަޅާ ފިޔަވަޅުތައް ހިއްސާ ނުކުރަން: އެމްއެންޑީއެފް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސިފައިންނާއި މެދު އަޅާ އިދާރީ ފިޔަވަޅުތަކުގެ މައުލޫމާތު މީޑިއާ ތަކާއި ހިއްސާ ނުކުރާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިނާއި މެދު އަޅާ އިދާރީ ފިޔަވަޅުތަކާއި އަދި ސިފައިންގެ ވަކިވާ މުވައްޒަފުންގެ މައުލޫމާތުތަކަކީ މީޑިއާ އާއި ހިއްސާ ކުރާ މައުލޫމާތެއް ނޫންކަމަށެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ކެޕްޓަން މުހައްމަދު ނިޔާޒު ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަތަކާއި ގުޅިގެން މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސޯޝަލް މީޑިއާގައި ކެޕްޓަން މުހައްމަދު ނިޔާޒު ހައްޔަރުކޮށްފައިވާކަމަށް ދަނީ ވާހަކަ ފެތުރެމުންނެވެ. ނަމަވެސް އެކަމާއި ގުޅިގެން އެމްއެންޑީއެފްއިން ދެއްވި ޖަވާބަކީ އިދާރީ ފިޔަވަޅުގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.

ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރާއި ގުޅިގެން އެސްޕީޖީ އަދި ފުލުހުންގެ ބައެއް ބޭފުޅޫން ވަނީ ހައްޔަރުކޮށްފައެވެ. އަދި ބައެއް އިތުރު ފަރާތްތައް ހައްޔަރުކޮށްފައިވާ ކަމުގެ އަޑުތައް ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.