އަވަށްޓެރި ސްރީލަންކާގައި މިހާރު ކުރިއަށްދާ ދީނީ ހަމަ ނުޖެހުމާ ގުޅިގެން އެގައުމުގައި ތިބި ޗައިނާ ރައްޔިތުންނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ލަންކާ ސަރުކާރުން ފޯރުކޮށް ދޭނެ ކަމަށް ގަބޫލް ކުރައްވާކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުމާއި ގުޅިގެން އަންގާރަ ދުވަހު ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެން ޝުއާން ވިދާޅުވީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުން ހައްލު ކުރުމުގެ ގާބިލް ކަން އެގައުމުގެ ސަރުކާރަށް ލިބިގެންވާކަމަށް ޗައިނާއިން ގަބޫލް ކުރާކަމަށެވެ.
ޝުއާން ވިދާޅުވީ ދީނީ ހަމަނުޖެހުން ހައްލުކޮށް އެގައުމުގައި ތިބި ޗައިނާ ރައްޔިތުންނަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދޭނެ ގާބިލްކަން ލަންކާ ސަރުކާރުގައި އެބަހުރި ކަމަށެވެ.
ސްރީލަންކާގެ ސަރުކާރުން ބުނާގޮތުގައި މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި ހަމަނުޖެހުން ފެށުނީ މިދިޔަ އާދިއްތަ ދުވަހު މަރުވި ސިންހަޅަ ބުޑިސްޓް ޓްރަކް ޑްރައިވަރުގެ ޖަނާޒާއަށްފަހުގައި އެވެ. އޭނާ މަރުވުމުގެ ދުވަސްތަކެއް ކުރިން އޭނާއާއި މުސްލިމް 4 ބަޔަކާއިވަނީ މިފަދަ ދީނީ ކަންތައްތަކަކާއި ގުޅިގެން ދެބަސްވުންތަކެއްވެސް ހިނގައިފައި ކަމަށެވެ.
މި ހަމަނުޖެހުންތަށް ފެށެން ދިމާވި މައްސަލަ އަދިވެސް ހޯދިފައިނުވާއިރު ސްރީލަންކާގެ ޕޮލިހުން މައުލޫމާތު ދިން ގޮތުގައި ޓްރަކް ޑްރައިވަރުގެ މަރަށްފަހު ޖެހިގެން އައި ދުވަހު ބުޑިސްޓުންތަކެއްވަނީ މުސްލިމުންގެ ބައެއް ފިހާރަތަކަށް ވަދެ އެކި ވަރުގެ ގެއްލުންތަކެއް ދީފައެވެ. އަދި އަންގާރަ ދުވަހު ހެނދުނު ވަނީ މަރުވެފައި އޮތް މުސްލިމް ފިރިހެން ކުއްޖެއްގެ ހަށިގަނޑުވެސް ފެނިފައިކަމަށް ސްރީލަންކާގެ ޕޮލިހުން ވަނީ ބުނެފައެވެ.
ހަމަނުޖެހުން އެންމެ ބޮޑުވެފައިވަނީ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް އެއް ސަރަހައްދުކަމަށްވާ ކެންޑީގައެވެ. ލަންކާއ އަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަގްބޫލް ފަތުރުވެރިކަމުގެ މަންޒިލެކެވެ،