ސްރީ ލަންކާގައި ދީނީ ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން 10 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ފުލުހުންނާ ކުރިމަތިލާ އިތުރު ހަމަނުޖެހުންތަކެއް ހިންގައިފަ އެވެ.
މިގޮތުން އެކި މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކަށް އެކިއެކި ވަރުގެ ގެއްލުންތަކެއް އަނެއްކާވެސް ބުޑިސްޓުން ވަނީ ދީފައެވެ. މި ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ކެންޑީގެ ފުލުހުންވަނީ ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ. އަދި މި ހާދިސާގައި ތިން ފުލުހަކަށް އެކިވަރުގެ އަނިޔާތަކެއްވެސް ލިބިފައިވެއެވެ.
ފުލުހުންގެ ތަރުޖަމާން ރުވާން ޑުނަސޭކަރަ ވިދާޅުވީ ކާފިއުއާ ޚިލާފުވި 19 މީހަކު މިހާރުވަނީ ހައްޔަރުކުރެވިފައެވެ.
މި ހާދިސާތަކުގެ ސަބަބުން މިއަދުވެސް ކެންޑީގެ ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.އަދި ކެންޑީގެ ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން އިތުރު ސިފައިން ކެންޑީ އަށް ފޮނުވުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
ސްރީ ލަންކާގައި ހަމަނުޖެހުންތައް ބޮޑުވެފައި ވަތީ ބޭރުގެ އެހެން ގައުމުތަކުން އެގައުމު ތަކުގެ މީހުންނަށް ސްރީ ލަންކާގައި މި ދުވަސްކޮޅު ހިންގާ އެކި އެކި އެއްވުން ތަކަށާއި މުޒާހަރާ ތަކުގައި ބައިވެރި ނުވުމަށްވަނީ އިލްތިމާސް ކޮށްފައެވެ.
މި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 150 އަށް ވުރެ ގިނަ ގެއާއި ފިހާރަ އަދި ވެހިކަލްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މީގެ އިތުރުން ދެ މީހަކު މަރުވެ އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާވެސް ވެފައެވެ.