ދިވެހިރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްސަކޮށްގެން އިކޮނަމިކް މިނިސްޓްރީން ހުޅުވާލި ލޯން ލޯން ސުކީމަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު އިތުރުކޮށްފައިވަނި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީޤް ވިދާޅުވީ، ކަނބަލުންނަށް ޚާއްސަ ލޯން ސްކީމަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރު ކުރީ ވީހާވެސް ގިނަބަޔަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި، މިގޮތަށް އިތުރު ކުރަން މި ޖެހުނީ ގިނަ ކަނބަލުންތަކެއް މިކަމަށް އެދެމުންދާތީ ކަމަށެވެ.
އަދި މިހާތަނަށް 150 އަށްވުރެ ގިނަ މީހަކު އެ ލޯން ސްކީމަށް އެދި ހުށަހަޅާފައިވާ ކަމަށްވެސް ތައުފީޤް ވިދާޅުވި އެވެ.
މީގެ ކުރިން ހަމަޖެހިފައި އޮތީ 50،000 ރުފިޔާ އާއި 100،000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ލޯން ދޫކުރުމަށެވެ. އެހެންނަމަވެސް ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކުރީ 200،000 ރުފިޔާ އާ ހަމައަށްވެސް ލޯން ނެގުމުގެ ފުރުސަތާއެކުއެވެ.
އަދި ކުރިން ލޯނަށް އެދި ހުށަހަޅާފައިވާ މީހުންނަށް ލޯނުގެ އަދަދު އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ތައުފީޤް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި ލޯނުގެ އަދަދު 50،000 ރުފިޔާ އަށްވުރެ ދަށްނަމަ ރަހުމެއް ބޭނުމެއް ނުވާނެ ކަމަށާއި، ނަމަވެސް ލޯނުގެ އަދަދު 50،001 އާއި 200،000 ދެމެދުގެ އަދަދެއްނަމަ ލޯނަށް އެދޭ އަދަދުގެ 130% އަގުހުރި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޤަބޫލުކުރާ ރަހުމެއް ބޭނުންވާނެ ކަމަށެވެ.
މި ލޯނުގައި އަމިއްލަ އަށް ފައިސާ އިންވެސްޓް ކުރަން ޖެހޭނެ މިންވަރަކީ، ހުށަހަޅާ ޕްރޮޖެކްޓުގެ 15 ޕަސަންޓަށް ވާ އަދަދު އެވެ. އަދި އެ ޕްރޮޖެކްޓަށް މިހާތަނަށް އަމިއްލައަށް ފައިސާ ހަރަދުކޮށްފައިވާ ނަމަ އޭގެ އިންވޮއިސްތަކާއި ބިލްތައް ވެސް ހުށަހަޅަން ޖެހެ އެވެ.
9% އިންޓްރަސްޓް ރޭޓްގެ މި ލޯން ގިނަވެގެން 8 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަންޖެހޭނެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި 1 އަހަރުގެ ދުވަހުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުސަތު ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން އިއުލާނުކުރެވިފައިވާ ގޮތުން ރަހުނުގެ ގޮތުގައި ބީއެމްއެލްގެ އިންސުރެންސް ފޯމެއް ހުށަޅާގޮތަށް އިނދެއެވެ. އެހެން ނަމަވެސް މިހާރުގައި ލޯނު ލިބުމަށްފަހުވެސް މި ފޯމް ހުށަހެޅޭގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އާދަމް ތައުފީޤް ވިދާޅުވިއެވެ.
މި ލޯނަށް އެދި ހުށަހެޅުމުގެ ފޯމާއި ބިޒްނަސް ޕްލޭން ފޯމެޓް، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އަދި ލޯނަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ހިނގާ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 އާއި ހަމައަށެވެ.
އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވަން ބޭނުން ފަރާތްތައް މި މުއްދަތުގެ ތެރޭގައި [email protected] އަށް އީމެއިލްއިން ފޮނުވައިގެން ވެސް ފޯމް ހުށަހެޅުއްވޭނެ އެވެ.
މި ލޯނު ސްކީމާއިބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެ އެވެ.