Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"މޮޔައަކަށް ވުރެ ހުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު"

އަހުމަދު ނިހާން ހަސަން މަނިކު ފޮޓޯ: ސަން

ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން އިންތިހާބު ކުރާ "މޮޔައަކަށް ވުރެ" ބައެއް ފަހަރު ޚުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ނިހާން އެގޮތަށް ވިދާޅުވީ އިންތިހާބުގެ ތެރެއިން ބާރު ހޯއްދެވުމަށް ފަހު މުޅި ނިޒާމް ބަދަލުކޮށްލާ ހުދުމުހުތާރު ވެރިންނަށް ނިހާން މަގު ފަހިކޮށްދެއްވާ ކަމަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

ދެ މެމްބަރުންގެ ޓުވީޓްގައި ވެސް ވަކި ބޭފުޅެއްގެ ނަމެއް ނުގެންނެވިނަމަވެސް، ނިޒާރުގެ ޓްވީޓް އަމާޒުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ބެލެވެ އެވެ.

އަދި ނިހާން އޭގެ ރައްދުގައި ކުރެއްވި ޓްވީޓް އަމާޒްކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ލަފާކުރެވެ އެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރު ނިޒާރުގެ ޓުވީޓްގައި ވިދާޅުވި ގޮތުގައި ހުދުމުހުތާރު ވެރިން ބާރުވެރި ވަނީ އިންތިހާބުތަކުން ހޮވިވަޑައިގެންނެވުމުން ކަމަށާއި، އެހެންނަމަވެސް އިންތިހާބުވުމަށްފަހު އެހެން އެއްވެސް މީހަކަށް އޭނާ ޗެލެންޖް ނުކުރެވޭނެކަން ކަށަވަރުކުރަން މުޅި ސިޔާސީ ނިޒާމު ބަދަލުކޮށްލާ ކަމަށެވެ.

އެގޮތުން ހުރިހާ އިދިކޮޅު ޙަރަކާތްތައް ހުއްޓުވައި، އެންމެފަހުން މިނިވަން އިންތިހާބެއް ކެންސަލްކުރާ ހަމައަށް ކަންތައް ގެންދާ ކަމަށާއި، އެ މަގަށް އަހުމަދު ނިހާން ގެންދަވަނީ އެހީތެރިވަމުން ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.

ނިޒާރުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ ޓެރަރިސްޓުންނާއި ގައްދާރުން އަދި ލާދީނީ އެޖެންޓުން ގެ ކިބައިން މި އިސްލާމީ ދައުލަތް ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށެވެ.

އަދި ޑިމޮކްރެޓިކް އުސޫލުތަކުން އިންތިހާބުކުރާ މޮޔައަކަށް ވުރެ، ބައެއް ފަހަރަށް، ޤައުމު ދިފާއުކޮށްދޭނެ ހުދުމުހުތާރު ވެރިޔަކު ވެސް ރަނގަޅު ކަމަށް ނިހާން ވިދާޅުވި އެވެ.

ޤަނޫނު އަސާސީ އާއި ޚިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ އެންގެވުމަށް ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުން ހައްޔަރުކުރާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި މިހާރު ގައުމު ހިންގަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް، ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ކަމަށް ވެސް އިދިކޮޅު ބޭފުޅުން ވިދާޅުވެ އެވެ.