އިދިކޮޅު އިއްތިހާދުގެ އެއްވެސް ހަރަކާތަކަށް އަވައްޓެރި ސްރީލަންކާއިން ފުރުސަތެއް ނުދޭނެކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން އަންގާފައިވާ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޯޔޫގެ އެއްވެސް ހަރަކާތެއް ސްރީލަންކާގައި ހިންގައިފިނަމަ އެގައުމުން ޑީޕޯޓްކޮށްލާނެ ކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކަށް އެގައުމުގެ ސަލާމަތީ ބާރުތަކުން އަންގާފައިވާ ކަމަށެވެ.
Breaking News:
Alhamdhulillahi.
miadhun feshigen #MOU ge evves harakaatheiy srilanka gai hingaafi nama e gaumun deport kohlaane kamuge inzaaru idhikolhu faraiythakaiy e gaumuge salaamaathy baaruthakun angaifi.
Haggah nasru libenee
hurihaa thanakun MOU fail vanee.— Ibrahim Didi (@mp_ibdidi) March 7, 2018
އައިބީ ވިދާޅުވީ ހުރިހާ ތަނަކުންވެސް އެމްއޯޔޫ ވަނީ ފެއިލްވެފައި ކަމަށެވެ.
އައިބީ މިފަދައިން ޓްވީޓެއްކޮށްފައި މިވަނީ އިދިކޮޅު ފަރާތްތަކުން ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީ ސުލްހަވެރި މުޒާހަރާއެއް ބާއްވާފައި ވަނިކޮށެވެ. އެދުވަހު ލަންކާގައި އިދިކޮޅު ފަރާތްތަކުން އެއްވުން ބޭއްވީ އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަ އާއި އެކު ކަމަށް މުޒާހަރާ އިންތިޒާމް ކުރި ފަރާތުން ވަނީ ބުނެފައެވެ.
ލަންކާގައި އިދިކޮޅު ސިޔާސީ ފަރާތްތަކަށް އެއްވެސް ހަރަކާތެއް ނުބޭއްވޭނެކަމަށް ލަންކާގެ ސަލާމަތީ ބާރުތަކުން ބުނެފައިވާ ކަމަށް އައިބީ ވިދާޅުވި ނަމަވެސް އަދި މިހާތަނަށް އެގައުމުގެ ސަލާމަތީ ބާރުތަކުން އެފަދަ ކަމެއް އެންގިކަމެއް އެނގިފައި ނުވެއެވެ.