Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"ތަރައްގީ ވާނީ އަންހެނުންގެ ބައިވެރިވުން އޮވެގެން"

އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ 49 އިންސައްތަ ކަމަށްވީއިރު އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި އަންހެނުންގެ ފުރިހަމަ ޙިއްޞާ، ޤައުމީ ތަރައްޤީގައި އޮތުމަކީ، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ، ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.

ރާއްޖޭގެ އަންހެނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ތަފާތު މަސައްކަތްތައް ކުރެވެމުން ދިޔަނަމަވެސް، މުހިއްމު ބައެއް ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާއާއި ދައުރު ކުޑަކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، އަންހެނުންނަށް އެކިދާއިރާތަކުން ކުރިޔަށް ދިއުމަށް ދިމާވެފައިހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ކަންތައްތައް ޙައްލު ކުރެވޭނެގޮތްތައް ހޯދާދިނުމަށްޓަކައި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން 2015 ވަނަ އަހަރު ވުޖޫދުވެގެން އައި ޖެންޑަރ އީކުއަލިޓީ ޤާނޫނަކީ، ޤައުމީ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށްޓަކައި އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި ތަޢުލީމީގޮތުން އެންމެ މަތީ ހަރުފަތާހަމަޔަށް ވާޞިލްވުމުގެ ފުރުޞަތު އަންހެނުންނަށް މިއަދު ލިބިދެވިފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އަންހެންކުއްޖެއްގެ ތަޢުލީމަށް ކުރެވޭ އިންވެސްޓްމެންޓަކީ، މުޅި ޤައުމު ބިނާކުރުމަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ.

އަންހެނަކަށް ދެވޭ އަނިޔާއަކީ، މުޅި މުޖްތަމަޢުގެ ދަރިފަސްކޮޅަކަށް ދެވޭ އަނިޔާއެއްކަމާއި އަދި އެއީ ފޫނުބެއްދޭނެ ގެއްލުމެއް ކަމަށްވެސް ނައިބު ރައީސު ވިދާޅުވި އެވެ.

އަދި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަންހެނުންގެ މިހާރުގެ ޙާލަތު ރަގަޅުކުރުމަށް މަސައްކަތްކުރުމަކީ މުޅި މުޖްތަމަޢުގެ ހުރިހާ ފަރުދުންގެ ޒިންމާ އެއްކަމުގައި ހަދަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މެދުގައި ތަފާތު ކުރުމެއްނެތި އެކުއްޖަކު ބޭނުންވާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްކޮށްދީ އެފުރުޞަތު ދެއްވުމަށް ވަޒީފާ ދޭ ފަރާތްތަކާއި ބެލެނިވެރިންނާއި އަދި ޓީޗަރުންނަށް އިލްތިމާސްކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބިދޭ ފަދަ އަގުހުރި ޚިދުމަތްކޮށްދީފައިވާ، އަދި ޚިދުމަތް ކުރަމުން އަންނަ އަންހެނުންނަށް ސަރުކާރުން ދެއްވާ ރެހެންދި އެވޯޑް މިއަހަރު ޙާޞިލްކުރެއްވި ތިން ފަރާތަށް، މިއަދުގެ ޙަފްލާގައި އެވޯޑާއި ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.