Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ކަނބަލުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން: ޔުމްނާ

ޔުމްނާ މައުމޫން - ފޮޓޯ މިހާރު

ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމްގެ ޙާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޔުމްނާ މިހެން ވިދާޅުވީ ރައީސް މައުމޫނަށް ޒިޔާރަތް ކުރެއްވުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޔުމްނާ ވިދާޅުވެފައި ވަނީ ބައްޕާފުޅުގެ ޙާލުކޮޅު އިރާދަކުރެއްވީތީ ރަނގަޅު ކަމަށާއި ކަނބަލުންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކަނބަލުންނަށް އަރިސްކުރެއްވި ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ރައީސް މައުމޫންގެ ގެކޮޅަށް ގަދަ ބާރުން ވަދެގަނެ، ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، އެމެމްބަރުންނާ ގުޅިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ނަމަވެސް މި ހުރިހާ ތުހުމަތުތަކަކަށް ރައީސް މައުމޫން ވަނީ އިންކާރު ކުރައްވާފައެވެ.