Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ސިމްކާޑްގެ އެކްސެސް ދިނީ ކޯޓު އަމުރެއްގެ ދަށުން: ދިރާގު

ސޯޝަލް މީޑިޔާ އެކްޓިވިސްޓް، ތައްޔިބު ޝަހީމްގެ ސިމް ކާޑުގެ މައުލޫމާތު ދީފައިވަނީ ދިވެހި ފުލުހުންނަށް ކަމަށާއި އެމައުލޫމާތު ފުލުހުންނަށް ދިނީ ކޯޓުން ދިރާގުގެ މައްޗަށް އަމުރުކުރުމުން ކަމަށް ދިރާގުން ހާމަކޮށްފިއެވެ.

ތައްޔިބު ދިރާގަށް ހުށައެޅި ސިޓީއަކަށް ޖަވާބު ދެމުން ދިރާގުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތައްޔިބު ޝަހީމް ބޭނުންކުރަމުން ދިޔަ ނަމްބަރުގެ އެކްސެސް ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ސިމް ކާޑުގެ ފުރިހަމަ އެކްސެސް ފުލުހުންނަށް ދީފައިވާ ކަމަށެވެ.

އަދި އެކަން މިމަހުގެ 7 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒިފަކު ތައްޔިބަށް އެކަން އަންގާފައިވާނެ ކަމަށްވެސް ދިރާގުން ޖަވާބުގައި ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން އަމަލު ކުރުން ލާޒިމު ކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ކުންފުނީގެ ޑައިރެކްޓަރ އޮފް ކަސްޓަމަރ ސާވިސެސް އެންޑް ސޭލްސް، އަލީ ރިޔާޒް ސޮއިކުރައްވައި ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ތައްޔިބު ވަނީ އޭނާގެ ސިމް ދިރާގުން "ކްލޯން" ކޮށް އެހެން މީހަކަށް ދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި "ކްލޯން" ކޮށްފައިވަނީ އޭނާއަށް އެންގުމަކާއި ނުލާ ކަމަށާއި އޭނާ ހޯދަމުން ދިޔަ ޚިދުމަތް ކަނޑާލުމަށް އެއްވެސް އެދިފައިނުވާނެ ކަމަށާއި އެކަން ކުރުމަށް އެއްވެސް ކަހަލަ ލިޔެކިޔުމެއްވެސް ހުށައަޅާފައި ނުވާނެ ކަމަށް ބުނެފައެވެ.