މާލޭގެ ބައެއް ތަންތަނުގައި ހުޅުޖެހުމަށް ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރާއްޖޭގެ ގާނޫނީ ސަރުކާރު މަގުމަތިން ވައްޓާލުމަށް ބަޔަކު ރާވަމުން ދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ ފައިސާ ދީގެން މާލޭގެ މަގުމައްޗަށް މީހުން ނެރެ ބައެއް ތަންތަން ރޯކުރުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހައްުޔަރު ކޮށްފައިވާ ހަތަރު މީހުންގެ ނަން ވަނީ ހާމަކޮށްފައެވެ. އެ ހަތަރު މީހުންނަކީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ހަސަން އަހުމަދު (ރ.އަލިފުށީ/ހަޒާރީގެ)، އިލްޔާސް ލަބީބް (ސ.ހުޅުދޫ/ ބްލޫ ސްކައި)، އަހްމަދު ޝާހިދު (މއ. ޗަނބޭލީގެ) އަދި ހުސައިން އިލްހާމް (ގ.ޗަނބޭލީގެ) އެވެ.
ޝިފާން ވިދާޅުވީ މި މައްސަލައިގެ ތުހުމަތަށް އިތުރު ބައެއް މީހުން ހޯދަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ގައުމުގެ އަމަންކަން ދިފާއު ކުރުމަށްޓަކައި ފުލުހުންގެ ވާޖިބު އަދާކުރާނެކަމަށާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ