ހައި ރައިޒް އިން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓް ގެލެރީގައި ބާއްވަމުން ގެންދާ "މޯލްޑީވްސް ލިވިންގ އެކްސްޕޯ 2018" އަށް ޒިޔާރަތް ކުރައްވާ ކޮންމެ ބޭފުޅަކަށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ހައިރައިޒުން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝާމިން ވިދާޅުވެފައިވަނީ މި ލިވިން އެކްސްޕޯގެ ގިފްޓް ޕާޓްނަރުން ވަނީ މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށް، ވަރަށް ޚާއްސަ އިނާމުތަކެއް ހުށައަޅާފައި ކަމަށެވެ.
އެގޮތުން އެކްސްޕޯގެ ގިފްޓް ޕާޓްނަރުން ކަމަށްވާ މުނި ހޯމްކެއާ އަދި ލިންޓެލް އިންވެސްޓްމަންޓް އެންޑް މެނޭޖްމަންޓް ސާވިސްގެ ފަރާތުން ހުށައަޅާފައިވާ އިނާމުތަކުގެ ތެރޭގައި ބެޑްރޫމް ސެޓު، ސޯފާ ސެޓު އަދި ޑައިނިން ޓޭބަލް ފަދަ އަގުހުރި އެތައް އިނާމެއް ހިމެނެއެވެ.
އެކްސްޕޯ އަށް ޒިޔާރަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް މިއިނާމުތައް ލިބިގެންދާއިރު، މި އެކްސްޕޯ އަށް ޒިޔާރަތް ކުރައްވާ ކޮންމެ ބޭފުޅަކަށް ގުރުއަތުގައި ބައިވެރިވެވޭނެއެވެ. މިއަދުން ފެށިގެން ތިން ދުވަހަށް އާޓް ގެލެރީގައި ކުރިއަށްދާ މި އެކްސްޕޯ ފެށޭނީ މެންދުރު 14:00 ގައެވެ. އަދި ރޭގަނޑު 23:00 އަށް އެކްސްޕޯ ކުރިއަށްދާނެއެވެ.
ނަމަވެސް މާދަމާ ހުކުރު ދުވަހަށް ވާތީ މާދަމާގެ އެކްސްޕޯ ފެށޭނީ ހަވީރު 16:00 އިން ކަމަށް އެކްސްޕޯ އިންތިޒާމު ކުރާ ހައިރައިޒުން މައުލޫމާތު ދީފައިވެއެވެ.