ދިވެހި ރާއްޖޭގައި މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ބައްދަލުވުމުގައި 41 އަށްވުރެ ގިނަ ގައުމަކުން ސޮއިކޮށް، ގަރާރެއް ނެރެފިއެވެ.
މީގެ އިތުރުން މިގަރާރުގައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ކުރި އަމުރާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް ހިފެހެއްޓުމެއް ނެތި މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށްވެސް މިގައުމުތަކުން ވަނީ ދިވެހި ރާއްޖެއަށް ގޮވާލާފައެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކޮށްފައިވާ އެންމެހާ ސިޔާސީ ހައްޔަރީން ބަންދުން ދޫކޮށް، ވަގުތުން މިނިވަން ކުރުމަށް ބަޔާނުގައި ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.
އދ. އިން ނެރުނު ބަޔާނަށް ތާއީދުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސި ވިލާތް، ފަރަންސޭސި ވިލާތް، ޖަރުމަނު ވިލާތް އަދި ކެނެޑާވެސް ހިމެނެއެވެ.
އަދި ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގުމާއި އެއްވެ އުޅުމުގެ މިނިވަން ހިފެހެއްޓުމެއް ނެތި ދިނުމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމެއް ނެތި އެންމެހާ ރައްޔިތުންނަށް ދިނުމަށް ގައުމުތަކުން ރާއްޖެއަށް ގޮވާލާފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކުރުމަށްފަހު 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 30 އަށްވުރެ ގިނަ މީހުން އަދިވެސް ތިބީ ބަންދުގައިކަން އިދިކޮޅުން ފާހަގަކޮށްފައިވެއެވެ.