ދިވެހި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ގާނޫނު އަސާސީގައި އެކަން ކުރުމަށް ލިޔެވިފައިވާ ހާލަތެއް ދިމާވެގެން ނޫން ކަމަށާއި، އެއީ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ބޭނުން މީހުން ހައްޔަރުކުރުމަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވެފައިވަނީ މިހާރު މިގައުމުގެ ހާލަތު ގޮސްފައިވާ މިންވަރުން، ކޮންމެ ބަޔަކަށް ފައިސާ ދީގެން ރާއްޖޭގެ މޫނުމަތި ރީތި ކުރަން މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބެއް ނުވާނެ ކަމަށެވެ. ހަސަން އަލި އަޅުވާލާފައިވަނީ ބޭރުގެ ޕަބްލިކް ރިލޭޝަންސް ފާމަކަށް ރާއްޖޭގެ މޫނުމަތި ރީތިކުރަން ސަރުކާރުން ބޮޑު އަގުދީފައި ޕްރޮޖެކްޓެއް ހަވާލުކުރި ކަމަށް ދެކެވޭ ވާހަކައަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖެރާޑް ޖެންސާ ސަރުކާރުން ބޭރުގެ ޕީއާރް ފާމެއް މެދުވެރިކޮށް، ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވި ނަމަވެސް އެކަމާ ގުޅިގެން ސަރުކާރުން ރަސްމީ ގޮތެއްގައި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ހަސަން އިތުރަށް ވިދާޅުވެފައިވަނީ މިސަރުކާރުގެ އަނިޔާވެރިކަން މިވަނީ ކިތަންމެ ލާރިއެއް ދީގެން ޚަރަދު ކުރިޔަސް ހައްލު ނުވާނެ ދަރަޖައަކަށް ގޮސްފައި ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިއަދުވެސް އިދިކޮޅު އެމްޑީޕީ ހަރުގެއަށް ވަދެ ފުލުހުން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ގެ ފިރިކަލުން ޝާހިދު ހިމެނެއެވެ.
ފުލުހުން ބުނެފައިވަނީ އެމީހުން ހައްޔަރުކުރީ މާލޭގައި އަލިފާން ރޯކުރަން އުޅޭ ކަމުގެ ތުހުމަތު ކުރެވިގެން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. އަދި މިރޭ ފުލުހުން ވަނީ ޝާހިދުގެ ހާޒިރުގައި އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓު ފާސްވެސްކޮށްފައެވެ.