Last Updated: June 14, 18:18
Sunday, June 14, 2026
ޚަބަރު

ބޭރުގައި ފިލާ ތިބި ކުށްވެރިން ރާއްޖެ ގެންނާނަން: ނިހާން

ރާއްޖޭން ބޭރުގައި ފިލައިގެން އުޅެމުންދާ ދިވެހި ބޮޑެތި ކުށްވެރިން ރާއްޖެ ގެންނާނެކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ނިހާން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކަރަޕްޝަންގައި ބައިވެރިވާ ފަރާތްތަކާއި މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ބައެއް ބޭފުޅުން އަވައްޓެރި ގައުމުތަކުން ހިމާޔަތް ހޯއްދަވައިގެން ފިލައިގެން އުޅޭކަމަށެވެ.

ނަމަވެސް އެހުރިހާ ފަރާތްތައް އެގައުމުތަކާއި ގުޅިގެންް ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރާއްޖެެއިން ބޭރުގައި ތިބި ބޮޑެތި ކުށްވެރިން ރާއްޖެ ގެނެވޭނީ އެ ޤައުމުތަކުން އެ މީހުން ދޫކުރުމުން ކަމަށެވެ. އަދި އެމީހުން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ނިހާން ވިދާޅުވިއެވެ.

"ހަނދުމަފުޅު ކުރައްވާށޭ، މިޤައުމުގެ ޤާނޫނު އަރާ ހަމަކުރާނެ އެބޭފުޅުންނާ. އަބަދު އެސައިލަމްގައި ތިބެވޭނެތޯ އެމީހުންނަށް، ނާށިގަނޑު އަތަށްލައިގެން،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެއް ޤައުމުން އަނެއް ޤައުމަށް ކުށްވެރިން ބަދަލު ކުރުމުގެ ޤާނޫނެއް ރާއްޖޭގައިވެސް އޮންނަ ކަމަށެވެ. އަދި އެފަދަ ޤާނޫނުތަކާއި އެފަދަ އުޞޫލުތައް ރާއްޖެއެކޭ އެއްގޮތަށް އެހެން ޤައުމުތަކުންވެސް ޤަބޫލުކުރާ ކުރާކަމަށެވެ.