Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ބްރިޖްގެ ސްޓީލް ބޮކްސް ގާޑާތައް މާލެ ގެނެސްފި

ބްރިޖްގެ ސްޓީލް ބޮކްސް ގާޑާ ބީމްތައް ރާއްޖެ ގެނައި ބޯޓު--ފޮޓޯ ޓްވިޓާ ޑރ. މުއިއްޒު

ރާއްޖޭގެ ވެރިރަށް މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިމެނޭ ހުޅުލެ ގުޅުވާލާ ބްރިޖު ކަމުގައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސީއެމްއެފްބީ) އެއްކޮށް ގުޅައިލުމުގެ ސުޕާ ސްޓްރަކްޗާއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާތައް އިއްޔެ މާލެ ގެނެސްފިއެވެ.

މި ޚަބަރު އިއުލާންކޮށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ޓްވީޓެއް ކުރައްވާފައެވެ.

މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވީ ބްރިޖްގެ ސުޕާ ސްޓްރަކްޗާއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާތައް މާލެ ގެނެސްފައިވާ ކަމަށާއި، ބްރިޖްގެ ކޮންކްރީޓް ޑެކް އެޅުމަށްޓަކައި މާލޭކޮޅުން އަޅަމުން އަންނަ އައިބީމްތަކުގެ ކުރިންވެސް ތާވަލްކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ.

އަދި ސްޓީލް ބޮކްސްގާޑާތައް އިންސްޓޯލް ކޮށް ބްރިޖްގެ ސުޕަ ސްޓްރަކްޗާ އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެ ކަމަށްވެސް މިނިސްޓަރު މުއިއްޒުގެ ޓްވީޓްގައި ވެއެވެ.

މި ބްރިޖް ގެ މުހިންމު މަސައްކަތްތައް މިއަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ނިންމާލެވޭނެ ކަމަށް މިނިސްޓަރު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މާލެ ހުޅުލެ ބްރިޖްގެ މަޝްރޫއަށް 220 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާއިރު ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.