ނައިބް ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑު އައްބާސް ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްބާސް ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު މިލިޓަރީ ސިފައިންނެވެ. އައްބާސް ހައްޔަރު ކުރުމަށްފަހު އޭނާގެ ފޯނު ވަނީ މިލިޓަރީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.
މިކަމާއި ގުޅޭ ގޮތުން ސިފައިން އެއްވެސް ވާހަކައެއް ނުދައްކަވައެވެ. ގިނަ އަދަދަކަށް ސިފައިން ހައްޔަރު ކުރަމުންދާކަމަށް އަޑު ފެތުރުމާއި ގުޅިގެން ސިފައިންގެ ތަރުޖަމާނު ވިދާޅުވީ ސިފައިންނާއި މެދު އަޅާ އިދާރީ ފިޔަވަޅުތަކުގެ މައުލޫމާތު މީޑިއާއަށް ހިއްސާ ނުކުރާ ކަމަށެވެ.
އައްބާސް ހައްޔަރުކޮށްފައިވާ ކަމަށް އިއްޔެ ހަވީރުން ފެށިގެން ސޯޝަލް މީޑިއާގައި ދަނީ އަޑު ފެތުރެމުންނެވެ. އައްބާސް އަކީ ރައިސް އަބްދުﷲ ޔާމީންގެ އިތުރުން މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ ބޮޑީގާޑަކަށް ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ކުއްލި ހާލަތު އިއްލާން ކުރި ފަހުން ގިނަ އަދަދަކަށް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ދަނީ އަޑު ފެތުރެމުންނެވެ. އެގޮތުން ހައްޔަރު ކުރި ދެ އެސްޕީޖީއަކު މިހާރުވަނީ ސިފައިންގެ ހިދުމަތުން ވަކިކޮށްފައެވެ.