Last Updated: June 14, 18:09
Sunday, June 14, 2026
ޚަބަރު

އިދިކޮޅު ޕާޓީތައް އުވާލަންވީ: އަދުރޭ

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ނުދީ ހިފެހެއްޓުމަށް ޕީޕީއެމްގެ ނައިބް ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) އިލެކްޝަން ކަމިޝަނަށް ގޮވާލައިފިއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވީ އެމްޑީޕީ އާއި ޖުމްހުރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ދައުލަތުން އެެއްވެސް ފައިސާއެއް ނުދޭން ގޮވާލާކަަމަށެވެ.

އަދުރޭ ވިދާޅުވީ އެއްވެސް ފައިސާއެއް ވެސް ދޭން ނުޖެހޭކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އިދިކޮޅު ޕާޓީތައް އުވާލަން ޖެހޭ ކަމަށެވެ.

"ގައުމަށް ޣައްދާރުވާ ޕާޓީތައް އުވާލެވޭނެ ނިޒާމެއް އެބަޖެހޭ އޮންނަން އަޅުގަނޑަށް ހީވަނީ މިހާރު ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން އެކަން ކުރެވޭނެހެން،" އޭނާ ވިދާޅުވި އެވެ.

އަދުރޭގެ މިވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރީވެސް ދައުލަތުން ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ހިފަހައްޓާފައިވަނިކޮށް ކަމަށެވެ.

އަދުރޭ މިފަދަ ހަރުކަށި ގޮވާލުމެއް ގޮވާލާފައިވާ އިރު 33 މެމްބަރުންގެ ތާއިދާއި އެކު ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގެ އެންމެ އިސް އެއް ފަރާތްކަމަށްވާ ކުރީގެ ފެނަކަ ކޯޕަޜޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވަނީ އިލެކްޝަން ކަމިޝަނަށް އައްޔަންކޮށް، އިލެކްޝަންގެ ރައީސަކަށް ގެނެސްފައެވެ.