ރަސްފަންނުގައި ތަރައްޤީ ކުރާ ޕެވިލިއަން އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި މުއިއްޒު ވިދާޅުވީ ޕެވިލިއަން ހެދުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އަންނަ އޭޕްރީލް މަސް ނިމުމުގެ ކުރިން ޕެވިލިއަން ހުޅުވޭނެ ކަމުގެ ޔަގީންކަން އެ ތަން ހެދުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުން ޔަޤީންކަން ދޭ ކަމަށެވެ.
Rasfannu gai hadhaa Pavillion: nimumakaa gaaivefai. April mas nimimuge kurin hulhuveyne kamah developer yageenkan dhevvaafaivey. pic.twitter.com/P7njm2ZTcw
— Dr Mohamed Muizzu (@MMuizzu) March 9, 2018
ކުރިއަށް އޮތް އޭޕްރީލް މަހުގެ ތެރޭގައި ޕެވިލިއަން ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު، ހައުސިން މިނިސްޓްރީން ފުރަތަމަ ނިންމާފައި ވަނީ ރަސްފަންނު ހުޅުވާތާ ހަ މަސް ފަހުން ޕެވީލިއަންގެ މަސައްކަތް ނިންމާ ހުޅުވުމަށެވެ.
އެހެންނަމަވެސް މިއަދާ ހަމަޔަށް އައިއިރު އެކި މައްސަލަތައް ދިމާވެގެން ޕެވިލިއަންގެ މަސައްކަތް އައީ ފަސްވަމުންނެވެ.
ރަސްފަންނު ބަގީޗާ ހުޅުވާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ރަސްފަންނުގެ މޫދަށް ގޮތަށް ތިން ފްލޯއަށް ހަދާފައިވާ ޕެވީލިއަން ހުޅުވާއިރު ފްރެންޗައިޒް ރެސްޓޯރަންޓުތަކެއް ވެސް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު، މިހާރު ވެސް އެތަނުގައި ވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ކޮފީ ރެސްޓޯރަންޓެއް ކަމަށްވާ "ގްލޯރިއާ ޖިންސް ކޮފީ"ގެ ބޯޑުތައް ބަހައްޓާފަ އެވެ.
ޕެވިލިއަން ހަދާ ނިމޭ އިރު ފުރަތަމަ ފަންގިފިލާގައި ކެފޭ އޭރިއާއެއް ހަދާނެ ކަމަށާއި އަދި ތިރީގައި ފަސް ފާޚާނާ ހިމެނޭ ގޮތަށް އިންޑޯ ޝަވާ އޭރިއާއަކާއި އާންމުން އިށީންނާނެ ޖާގަތަކެއް ވެސް ގާއިމް ކުރެވިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.