Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ހިތަދޫގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފި

އައްޑޫ ސިޓީ، ހިތަދޫގައި ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލައިފިއެވެ.

ހިތަދޫ އެމްޑީޕީ ގޮފިން އިސްނަގައިގެން ފެށި ވެހިކަލް ބުރުގައި އެމްޑީޕީ މެންބަރުންގެ އިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ގިނައަދަދެއްގެ ރައްޔިތުން ދަނީ ބައިވެރި ވަމުންނެވެ.

ވެހިކަލް ބުރުގެ ބައިވެރިންނަށް ހިތަދޫ ސްޓޭޓް ހައުސް އާއި ހިސާބުން ފުލުހުން ހުރަސް އެޅިއެވެ.

އެހެން ނަމަވެސް ވެހިކަލް ބުރުގެ ބައިވެރިންގެ އަދަދު ގިނަވުމުގެ ސަބަބުން ވަކި ހިސާބަކުން އެ ސަރަހައްދުގައި ސަފަކަށް އެތުރިގެން ތިބި ފުލުހުން ވަނީ ހުރަސް އެޅުން ހުއްޓާލާފައެވެ.

އިހުތިޖާޖްގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ ރައީސް ޔާމީންގެ އިސްތިއުފާ އަށާއި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަން ސަރަހައްދަށް އިހުތިޖާޖުގެ ބައިވެރިން މަޑުކުރުމަށްފަހު އަޑުއުފުލުމަށް ފަހު ވަނީ މާގިނަ އިރުތަކެއް ނުވެ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.