ކުއްލި ހާލަތު އުވާލުމަށް އދ ގައި ހިމެނޭ 41 ގައުމެއް ގުޅިގެން ނެރުނީ އެއްވެސް އަސްލެއް ނެތް ބަޔާނެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބަޔާނަށް ރައްދު ދެއްވައި ރާއްޖެއިން ޖެނީވާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. ހާލާ ހަމީދު ވިދާޅުވީ ރާއްޖޭގެ ހާލަތާ މެދު 40 ގައުމުން ނެރުނީ އެއްވެސް އަސާސެއް އަދި ބިނާ ކުރެނިވި ވާހަކަތަކެއް ހުރި ބަޔާނެއް ނޫން ކަމަށެވެ.
ހާލާ ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓާ ބެހޭގޮތުން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ 2013 ގައި ރާއްޖެ ވަޑައިގަތް އދ. ގެ މަންދޫބު ކަމަށެވެ. އޭރު އިނގިރޭސިވިލާތާއި އީޔޫގެ ގައުމުތަކުން ވެސް އދ. ގެ މަންދޫބު ތައްޔާރު ކުރެއްވި ރިޕޯޓަށް ތާއީދުކުރި ކަން ހާލާގެ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ.
ހާލާ ވިދާޅުވީ މިދިޔަ ހަތަރު އަހަރު ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުގެ ވަފުދެއް ރާއްޖެއަށް ޒިިޔާރަތްކޮށްފައިވާ ކަމަށާއި އެ ޓީމު އެންމެ ފަހުން ވަޑައިގެންފައި ވަނީ ވެސް ހަފްތާއެއްހާ ދުވަސް ކުރިން ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ކަމަށެވެ. އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާއަކު ރާއްޖެ އައުމަށް ދައުވަތު ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އދ. ގެ މެމްބަރު 41 ގައުމަކުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށާއި އިދިކޮޅު ފަރާތްތަކަށް މިނިވަންކަމާއެކު ސިޔާސީ ހަރަކާތް ހިންގުމާއި އެއްވެ އުޅުމުގެ މިނިވަން ހިފެހެއްޓުމެއް ނެތި ދިނުމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމެއް ނެތި އެންމެހާ ރައްޔިތުންނަށް ދިނުމަށް ގައުމުތަކުން ރާއްޖެއަށް ގޮވާލާފައިވެއެވެ.