އުތުރު ކޮރެއާގެ ޓޭންކަރަކަށް ތެޔޮ ވިއްކުމުގެ މުއާމަލާތެއް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގދ.މަޑަވެލި އަރިނަގާގެ، އަބްދުﷲ ފަހުމީއާ ދެކޮޅަށް ޓެރަރިޒަމަށް މަގުފަހިވާފަދަ އަމަލުތައް ހިންގުމުގެ ދައުވާއާއި އެކު ގިނަ ދައުވާތަކެއް ދައުލަތުން އުފުލައިފިއެވެ.
ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ދައުވާވެސް ފަހުމީގެ މައްޗަށް އުފުލާފައިވެއެވެ. މީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑކިއުމެންޓުތަކެއް ތައްޔާރުކޮށް އަދި އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހަދައި އެ ތައްގަނޑު ބޭނުން ކުރުމަށްފަހު އެ އޮތޯރިޓީގައި ކުރިން މަސައްކަތްކޮށްފައިވާ އިސް ފަރާތެއްގެ ނަމުގައި ޖީމެއިލްއެއް ހަދައި އެ ޖީމެއިލް ބޭނުންކޮށްގެން އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންއަށް ސައްހަ ނޫން މެއިލްތަކެއް ފޮނުވައި ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓްރީކޮށްފައި ނުވާ ބޯޓަކަށް ސައްހަ ނޫން ކޯލް ސައިންތަކެއް ހަދައި އެ ބޯޓުގައި ރާއްޖޭގެ ދިދަ ބޭނުންކޮށްގެން ސައްހަ ނޫން މުއާމަލާތް ހިންގި ކަމުގެ ތުހުމަތު ވަނީ އުފުލާފައެވެ.
އަދި ސަރުކާރު ވައްޓާލަން އެކި ފަރާތްތަކަށް ފައިސާ ދިން ކަމަށްވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ފަހުމީ ހައްޔަރުކޮށްފައިވަނީ މާޗު ފަސްވަނަ ދުވަހު މާލެއިންނެވެ.
ދިވެހި ދިދަ ޖަހާފައި ވާ ޓޭންކަރަކުން އުތުރު ކޮރެއާއަށް ތެޔޮ ވިއްކާ ކަމަށް ބުނެ އެންމެ ފުރަތަމަ ޚަބަރު ފެތުރީ ޖަޕާނުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެފަދަ އެއްވެސް މުއާމަލާތެއް ކުރިކަން ވަގުތުން ދޮގުކޮށްފައެވެ. އަދި ދިވެހި ދިދައެއް ޓޭންކަރުގައި ހުއްޓަސް، އެއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ޓޭންކަރެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.