މުސްލިމުންނާއި ހައްދު ފަހަނަޅާފައިވާ ބުޑިސްޓުންނާއި ދެމެދު ލަންކާގައި ފެށިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 150 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެފިއެވެ.
ލަންކާގެ ކެންޑީގައި ފެށުނު ހަމަނުޖެހުން ތަކާއި ގުޅިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކޮށް ފުލުހުން ދަނީ ހަމަނުޖެހުން ހިންގަމުންދާ ފަރާތްތައް ހައްޔަރު ކުރަމުންނެވެ.
ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ހަމަނުޖެހުން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވުމަށް އަމުރުކޮށްފައެވެ. އެއަމުރާއި ގުޅިގެން ހަމަނުޖެހުން އުފެއްދުމަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރަމުންދާތީ އެ ވަސީލަތްތައް ވަނީ މިދުވަސްކޮޅު އެގައުމުން ބްލޮކް ކޮށްފައެވެ.
މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ހަމަނުޖެހުން ކުރިއަށްދާ އިރު ކެންޑީގައި ރޯ ކުރި އިމާރާތެއްގެ ތެރެއިން އަނދާފައިވާ މުސްލިމު ފިރިހެނެއްގެ ހަށިގަނޑުވަނީ ފެނިފައެވެ.
ލަންކާގެ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓް ކުރާ ގޮތުގައި މުސްލިމުންނާއި ބުޑިސްޓުންގެ މެދުގައި ހަމަނުޖެހުން ފެށިފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކެންޑީގައި ހިނގި އެކްސިޑެންޓަކަށް ފަހު ހިނގި ހަމަނުޖެހުމެއްގައި މުސްލިިމުން އަތުން ބުޑިސްޓަކު މަރުވުމާއި ގުޅިގެންނެވެ.