އިންޑިޔާގެ ނިމްސް ހޮސްޕިޓަލުގައި ނާސިން އެކްސްޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމަށް މިއަދު މެންދުރު އިންޑިއާއަށް ފުރަން ހަމަޖެހިފައިވާ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ 21 ދަރިވަރުން ވިސާ ހޯދުމަށް ހެނދުނުއްސުރެން ފެށިގެން އިންޑިއަން އެމްބަސީގައި މަސައްކަތް ކުރަމުންދާކަމަށް އެދަރިވަރުން ބުނެފިއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ދަރިވަރަކު ބުނީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ބެޗެލަރ އޮފް ނާސިން ކޯސް ފުރިހަމަ ކުރާ ދަރިވަރުންގެ ވިސާގެ ކަންތައް ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން އެތަނުގެ އިސްވެރިން އޮތީ މީގެ ކުރިން ދީފައެވެ. ނަމަވެސް މިއަދު ފުރަން ތިއްބާ ވިސާ ހަމަނުޖެހޭކަން އެންގީ އިއްޔެކަމަށް އެ ދަރިވަރު ބުންޏެވެ.
"އިއްޔެ މެންދުރު 1 ގެ ފަހުން ސަބްޖެކްޓް ކޯޑިނޭޓަރު ގުޅާފަ ބުނި ވިސާ ހަމަނުޖެހެ ކަމަށް. އަދި އެކުއްޖަކު އަމިއްލަ އަށް ވިސާ އޮންލައިންކޮށް ހަމަޖެއްސުމަށް" ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ދަރިވަރު ބުންޏެވެ.
ދަރިވަރު ބުނީ މިއަދު ހެނދުނު 700 ރުފިޔާ ހިފައިގެން އެމްބަސީއަށް ދިއުމުން ވިސާ ހަމަޖެހޭނެކަމަށް ބުނެގެން ދަރިވަރުން މިހާރުވެސް ތިބީ އެމްބަސީގައެވެ. އަދި އެތަނުގައި ކަރަންޓް ނެތްކަމަށް ބުނެފައިވާ ކަމަށް ދަރިވަރު ބުންްޏެވެ.
"ދެންމެ މިބުނަނީ ކަރަންޓް ނެތޭ، ދެން ލިއުމެއް ދީފައި ބުނީ އެއާޕޯޓަށް ދާން، އަދިވެސް ފުރޭނެކަމުގެ ޔަގީންކަމެއް ނެތް އަނެއްކޮޅުން ގޮސް މިތިބެންޖެހެނީ ހޮސްޓެލްއެއްގައި، އެތަނުގައި ތިބެވޭނެކަމެއްވެސް ނޭގެ"
ދަރިވަރު ބުނީ އެމްބަސީން ދިން ލިއުމަކާއި އެކު ފުރަން ދަރިވަރުން 1:30އަށް އެއާޕޯޓަށް ދާނެކަމަށެވެ.
މިކަމާއި ގުޅިގެން އަދި ކަމާއި ބެހޭ އެއްވެސް ފަރާތެއްގެ ބަހެއް ނުލިބެއެވެ.
"އައްޑޫލައިވް' އާއި ވާހަކަ ދެއްކި ދަރިވަރު ބުނިގޮތުގައި އޮންލައިންކޮށް ވިސާއަށް އެޕްލައި ކުރުމުން ހައިކޮމިޝަނުން ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި އެމްއެންޔޫގެ ފަރާތުން އެ ދަރިވަރުންގެ ވިސާގެ ކަންތައް ހަމަޖެއްސުމަށް އެއްވެސް މައުލޫމާތެއް މީގެ ކުރިން ހައިކޮމިޝަނާއި ހިއްސާކޮށްފައެއް ނުވެއެވެ