ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކައުންސިލުން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ކުރިން މަޝްވަރާތައް ފަށަން ދޫދިނުމަށް އިދިކޮޅު ޕާޓީތަކުން ރައީސް އަބްދުﷲ ޔާމީނަށް ދަންނަވައިފި އެވެ.
އެގޮތުން އިދިކޮޅު ފަރާތްތަކުން ވަނީ މަޝްވަރާތައް ފަށަން އެދި ރައީސް ޔާމީނަށް ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި ސޮއި ކުރައްވާފައި ވަނީ އެމްޑީޕީގެ ފަރާތުން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދާއި އަދާލަތު ޕާޓީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.
އެ ސިޓީގައި ބުނެފައި ވަނީ، މަޝްވަރާތައް ފަށަން އިދިކޮޅުން ކުރިން ވެސް ހުށަހެޅި ކަންކަމަށް ސަރުކާރުން އިޖާބަދޭން ޖެހޭ ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކަންކަންކަމަށް ހައްލެއް ހޯދުމަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އޭގެ ދަށުން ބަންދުކޮށްފައިވާ އެންމެން ދޫކޮށްލައި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުރުން ހިމެނެއެވެ.
އެ ޝަރުތުތައް ގަބޫލުކޮށް، އެއާ އެއްގޮތަށް އަމަލު ކުރުމަށްފަހު އދ. ގެ ބައިވެރިވުމާއެކު ބޭއްވޭ "ޕްރޮކްސިމިޓީ ޓޯކްސް" އަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުރިހަމައަށް ތާއީދުކުރުމާއެކު މަޝްވަރާގައި ބައިވެރިވާނެ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އަދި އދ. ބައިވެރިކުރުމާމެދު ސަރުކާރުގެ ދެބަސްވުންތަކެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް އދ. ބައިވެރިކުރުމަކީ ވާހަކަތަކުގެ ވަރަށް އަސާސީ ސިފައެއްކަން އެ ސިޓީގައި ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން މިފަދަ އިތުރު އެހެން ކަންކަން ހުރި ނަމަވެސް ދެ ފަރާތުން ވެސް ޕްރޮކްސިމިޓީ ޓޯކްސް ފެށުމާމެދު އެއްބަސްވެވިދާނެ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
ސިޓީގައި އިތުރަށް ބުނެފައިވަނީ މަޝްވަރާގައި އދ. ބައިވެރިކުރުމާމެދު ރައީސް ޔާމީންގެ ސަރުކާރުގެ ވިސްނުން ދެބައިވެފައިވާ ކަމާއި އަދި މި މައްސަލަ ޑެޑްލޮކްއަކަށް ގޮސްފައިވާކަން އެންމެންނަށް ވެސް ސާފު ކަމަށާއި، މަޝްވަރާތަކާ ގުޅޭ ގޮތުން އދ. ގެ ދައުރުމެދު ސަރުކާރުން ގެންގުޅުއްވާ ވިސްނުން ސާފުނުވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށެވެ.
"ސަރުކާރުން ގޮތްދޫނުކުރުމުގެ ސަބަބުން މިކަން (މަޝްވަރާ) އިތުރަށް ދިގުލައި، ލަސްވެ، ސާފުނުވެ ދިއުމަކީ ދިވެހިރާއްޖެ އަށް އިގްތިސާދީ ފިޔަވަޅު އެޅުމަށް މަޖުބޫރު ވެދާނެ ހާލަތެކެވެ. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެކެވެ،" އިދިކޮޅުގެ ސިޓީގައިވެ އެވެ.
އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެ އަށް ލިބޭ އިންވެސްޓްމަންޓްތަކަށާއި ވަކިން ހާއްސަކޮށް ފަތުރުވެރިކަމަށް ހީނަރުކަން އަންނާނެ އެވެ. އަދި މުޅި އިގްތިސާދަށް ގެއްލުންވެ، ދިވެހިރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
ސިޓީގައި ބުނީ، މަޝްވަރާތައް ފެށުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސްދިނުމުގެ ރަސްމީ ދައުވަތުދީ އަދި މި މަޝްވަރާތަކުގައި އދ. ބައިވެރިވުން އޮތުމާމެދު ސަރުކާރުން ދެކޭ ގޮތް އޮޅުން ނާރާފަދަ ގޮތަކަށް ހޯދައިދިނުމަށް އެދި މިއަދު އދ.ގެ ސެކްރެޓްރީ ޖެނަރަލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، ދެ ފަރާތުގެ ލީޑަރުންގެ މެދުގައި އދ. މެދުވެރިވެ ހިންގާ ވާހަކަތަކަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބެން އެމާސަން ކިއުސީ ލީޣަލް އެޑްވައިޒަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސިޓީ ނިންމާލަމުން ޕާޓީތަކުން ބުނެފައި ވަނީ ޝަރުތުތައް ގަބޫލުކޮށް ސަރުކާރުން މަޝްވަރާޔަކުގެ ޕްރޮސެސްގައި ބައިވެރިވާނެކަން ކަށަވަރުކޮށްދިންހާ އަވަހަކަށް ކުރިއަށްދާން ތައްޔާރަށް ތިބި ކަމަށެވެ.
ޕްރޮސެސް ކުރިއަށް ގެންދިޔުމަށްޓަކައި ޕާޓީތަކުގެ ވަފުދެއް މި މަހު ނިއުޔޯކަށާއި ވޮޝިންޓަން ޑީސީއަށް ޒިޔާރަތް ކުރާނެކަން ފާހަގަކޮށް އިދިކޮޅުން ބުނެފައި ވަނީ އެ ވަފުދުގައި ބެން އެމާސަން ވެސް ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.
ދެ ފަރާތުން ވެސް ހުށަހަޅާ ކަންކަމާއި ދެކޭ ގޮތް އާންމު ރައްޔިތުންނަށާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ވަޒަންކުރެވޭނެ ގޮތް ހެދުމަށް ފޮނުވި ހުޅުވިފައިވާ ޕާޓީތަކުގެ ސިޓީގައި ޖަވާބުގައި ސަރުކާރުން ވެސް އެފަދަ ހުޅުވިފައިވާ ސިޓީއެއް ފޮނުއްވުމަށް ވެސް ޕާޓީތަކުން އެދިފައިވެ އެވެ.