މާލޭގެ ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރަމުން އަންނަ ސްނޯ އާއި އައިސް ސެކޭޓިން ހިމެނޭ އޭރިއާ ނުވަތަ "ވިންޓާ ކޯނާ" ގެ މަސައްކަތް މި އަހަރުގެ ރޯދަ މަހުގެ ކުރިން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހިން ވިދާޅުވެފައި ވަނީ ރޭ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެ އިންޓަވިއުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ސްނޯ ތީމަށް ހަދާ އިމާރާތަށް ބޭނުންވާ ސާމާނުތައް ތައްޔާރުކޮށްފައިވާ ކަމަށާއި އެތަކެތި ތައްޔާރުކޮށްފައިވަނީ ފްރާންސާއި ސުވިޒަލޭންޑުގެ ކުންފުންޏެއްގެ ފެކްޓަރީއެއްގައި ކަމަށެވެ.
އަދި އެ އިމާރާތަށް ބޭނުންވާ ސާމާނު ތައްޔާރުކުރުމަށް އެ ކުންފުނިން ރާއްޖެ ޒިޔާރަތްކޮށް ބޭނުންވާ މައުލޫމާތު ނަގާފައިވާ ކަމަށާއި ގިނަ ވަގުތުތަކެއް ހޭދަވެގެން ދިޔައީ އެ މަސައްކަތަށް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު، އެ މަސައްކަތަކީ އެ މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަަހަށް ނިންމާ ހުޅުވަން އަމާޒުކޮށް އިއުލާން ކުރި މަސައްކަތައްކަން ފާހަގަކޮށްލެވެއެވެ.
އެ ޑިސެމްބަރުގައި ރާއްޖެއަށް "ފިނި މޫސުން" އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް އެތަނުގެ މަސައްކަތް ނިމިފައި ނުވެއެވެ.
ސަލްޓަން ޕާކުގެ ނަން ބަދަލުކޮށް ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ވިންޓަ ކޯނާ ހެދުމަށް ނިންމާފައިވަނީ، ކުރިން ކަޅު ވަކަރު މިސްކިތް ހުރި ތަނުގައެވެ.
މުއިއްޒު ވިދާޅުވީ އެ މަސައްކަތްތައް ނިންމާ، ރާއްޖެއަށް ސްނޯ މެޝިނާއި އެތަން ހެދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ގެނެސްފައިވާ ކަމަށާއި އެތަން ރޭވުމަށްޓަކައި ފުރަތަމަ އަޅަން ޖެހޭ ފައުންޑޭޝަންނާއި ކުރަން ޖެހޭ ކޮންކްރީޓު ހުރިހާ މަސައްކަތެއް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ.
އަދި ކޮންކްރީޓް ބިންގާގެ މައްޗައް އެތަން ރޭވުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށާއި އެއަށް ފަހު 45 ދުވަހުގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ނިމޭނެ ކަމަަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އުންމީދަކީ ރޯދަ މަހުގެ ކުރިން އެތަނުގެ މަސައްކަތް ނިންމުމެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ މެއި މަހުގެ 16 ވަނަ ދުވަސް ކަމުގައިވާ ބުދަ ދުވަހެވެ.