ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވައިދާ އެއްގޮތަށް ޢަމަލުނުކޮށްގެން މިހާތަނަށް 70 ފަރާތެއްގެ މައްސަލަ ކޯޓަށް ހުށައަޅާފައިވާކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ހާމަކޮށްފިއެވެ.
ޕެންޝަން އޮފީހުން ހާމަކުރާ ގޮތުގައި މިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ޤަވައިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ކުންފުނިތަކުގެ ޢަދަދު 536 އަށް އަރާކަމަށެވެ.
މީގެ ތެރެއިން 70 ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، 104 ފަރާތަކަށް އެންމެފަހުގެ ނޯޓިސް ދީފައިވާކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
ރިޓަޔަމަންޓް ޕެންޝަން ސްކީމަށް މުއައްޒަފުން ބައިވެރިނުކުރާ ކުންފުނިތަކުގެ ޢަދަދަކީ 194 އެވެ. ސްކީމަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ޢަދަދަކީ 146 އެވެ.
ރިޓަޔަމެންޓް ޕެންޝަން ސްކީމްގެ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރަމުން ނުދާ ފަރާތްތަކާ ދޭތެރޭ ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުންދާކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
އޭގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތްތައް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާ، ރަޖިސްޓްރީ ކޮށްފައި މުއައްޒަފުން ޕެންޝަން ސްކީމްގައި ބައިވެރިނުކުރާ ފަރާތްތަކުގެ އިތުރަށް ކުންފުނި ރަޖިސްޓަރ ކޮށް، މުއައްޒަފުންވެސް ބައިވެރިކޮށް މަހުން މަހަށް ފައިސާ ޖަމާނުކުރާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގެ ހ ގައި ވާގޮތުން ޕެންޝަން ސްކީމްގެ ބައިވެރިއަކު ކަމުގައިވާ ކޮންމެ މީހެއްގެ ޕެންޝަނަށް ބަލާ މުސާރައިގެ މަދުވެގެން %7 އެ މުއައްޒަފަކު، އަދި މުސާރައިގެ މަދުވެގެން %7 އެ މުއައްޒަފަކަށް ވަޒީފާ ދީފައިވާ ފަރާތުން ސްކީމަށް ދައްކަންޖެހެއެވެ.
މިގޮތުން މި ސްކީމަށް ފައިސާ ދައްކަންޖެހެނީ އުމުރުން 16 އަހަރާއި 65 އަހަރާއި ދެމެދުގެ ވަޒީފާ އަދާކުރާ މުއައްޒަފުންނެވެ. މި ޤާނޫނުގައިވާގޮތުން 65 އަހަރުން މަތީގެ މީހުންގެ މައްޗަށް ސްކީމަށް ފައިސާ ދައްކާކަށް ނުޖެހެއެވެ.