Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ގައިދީންނާ ބައްދަލު ކުރެވޭ ގޮތް ބަދަލުކޮށްފި

ބައެއް ވަކީލުން ނޫސްވެރިންގެ ބައްދަލުވުމެއްގައި - ފޮޓޯ: މިހާރު

ފުލުހުންގެ ބަންދުގައި ތިބޭ މީހުން، ވަކީލުންނާ ބައްދަލުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ސޮއި ކުރައްވައި ނެރުނު އެންގުމެއްގައި ބުނީ ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގައި އާ ގޮތްތަކެއް ހަމަޖެއްސީ ވަކީލުންގެ ފުރުސަތު ހޯދާ މިންވަރު އިތުރު ވަމުން އަންނާތީވެ އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު އެ ފުރުސަތު ދޭން ކަމަށެވެ.

މި އުސޫލަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާއިރު، މީގެ ފަހުން ބަންދުގައި ހުރި މީހާއަށް ވަކީލަކު އައްޔަން ކޮށްދެވޭނީ އޭނާ އެކަމަށް އެދުމުން އޭނާ އެދޭ ވަކީލެއް ނުވަތަ އޭނާގެ އިމީޑިއެޓް ފެމިލީގެ މެންބަރަކު އެކަމަށް އެދުމުން އެފަރާތުން އެދޭ ވަކީލެކެވެ.

އާއިލާގެ ފަރާތުން އަންނަ ވަކީލު އައްޔަން ކުރެވޭނީ އާއިލާއިން އައްޔަން ކުރަން ބޭނުންވާ ވަކީލެއްގެ ނަން ބަޔާންކޮށް ވަކީލު އައްޔަންކޮށްދިނުމަށް އެދި ލިޔެފައިވާ ސިޓީއަކާއި، ސިޓީ ދިން ފަރާތުގެ އައިޑީކާޑްގެ ކޮޕީ ހިފައިގެން އައުމުން ކަމަށް އެންގުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ގައިދީންނާ ބައްދަލު ކުރުމަށް ވަކީލުންނަށް ދީފައި އޮންނަ ވަގުތަށް ވެސް ވަނީ މިހާރު ބަދަލު ގެނެސްފަ އެވެ.

މިދިޔަ މަހު ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ގައިދީންނާ ބައްދަލުކުރުމަށް ވަކީލުންނަށް ދީފައިވަނީ ބައި ގަޑިއިރުގެ ވަގުތެވެ.

އެގޮތުން ބައްދަލުވުން އޮތީ މާލޭން ބޭރުގައި ނަމަ، ބައްދަލުވުން އޮންނަ ތަނަށް ދިއުމަށް ހަމަޖައްސައިދެވޭނީ އެއް ގަޑިއިރު ކަމަށާއި ނަމަވެސް ބައްދަުވުމުގެ ދިގުމިނަކީ ބައްދަލުވުން ފެށޭ ވަގުތުން ފެށިގެން 30 މިނެޓު ކަމަށް ފުލުހުން ބުނެއެވެ. އަދި ލަހުން ބައްދަލު ކުރެވުނު ނަމަވެސް ވަގުތު ލިބޭނީ އެ 30 މިނިޓުން ބާކީވާ ވަގުތު ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ހަމަ އެހެންމެ ބައްދަލުވުން ނިންމުމަށް ފަހު، ވަކީލުން ޖަލުގައި ތިބޭ އެހެން މީހުން ކައިރިއަށް ގޮސް ވާހަކަ ދެއްކުން ވެސް މި އުސޫލުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ކުރިން ހެނދުނު ނުވައަކުން ހަވީރު ހައެއް ޖަހަންދެން ބައްދަލުކުރުމަށް ދީފައި އޮތް ފުރުސަތު ވަނީ ހަވީރު ފަހަކަށް ކުރުކޮށްފަ އެވެ.

ފުލުހުން ގެނައި މި އާ ބަދަލާ މެދު ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ މީހުން ބުނާގޮތުގައި މިއީ ވަކީލުންނަށް އުނދަގޫ ކުރުމަށް ފުލުހުން އެޅި ފިޔަވަޅެކެވެ.

ފުލުހުން ބުނާ ގޮތުގައި މި އެންގުމާ ޚިލާފުވާނަމަ، ބައްދަލުވުން ކެންސަލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.