Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

މާލޭގައި ހަމަނުޖެހުމެއް ނުއުފައްދާ، ފުލުހުން ހަދަނީ ދޮގު: އެމްޑީޕީ

އެއްވުމުގެ ބައިވެރިއެއް ހައްޔަރުކޮށްގެން ގެންދަނީ- ފޮޓޯ: އަވަސް

މާލޭގައި ހަމަނުޖެހުން އުފައްދައި، ތަންތަން ރޯކޮށް، އަމަން ނަގާލައި، ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ރާވާކަމަށް ބުނެ ފުލުހުން ދީފައި ވަނީ ދޮގު މައުލޫމާތުތައް ކަމަށާއި އެފަދަ އަމަލެއް ބަޔަކު ނުހިންގާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ޢަމަލުތައް ރާވާ ހިންގާ ކަމަށްބުނެ އެއްވެސް ހެއްކެއް ނެތި، އެ ޕާޓީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހައްޔަރުކުރަމުންގެންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

އަދި އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސް ކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ރައްޔިތުންނަށް ދީފައި ވަނީ ސާބިތުނުހިފޭ ދޮގު މައުލޫމާތުތައް ކަމަށާއި، އެއީ އެމްޑީޕީއާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދައި މުޖުތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެމްޑީޕީ އަކީ ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ނުހަނު ބާރު އަޅާ ޕާޓީއެއް ކަމަށާއި، ދިވެހިރާއްޖޭގެ ބިކަވަމުން މިއަންނަ ސިޔާސީ ނިޒާމް ހަމަމަގަށް އެޅުވުމަށް އެމްޑީޕީގެ މެންބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގެންދަނީ ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުން ކަމަށެވެ.

އަދި އާންމު ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތައް ބޭނުންކުރުމުގެ ފުރުޞަތި ދިވެހި ފުލުހުން ފަހިކޮށްދޭންޖެހޭނެ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންނަމަވެސް ވަކިބައަކަށް ސިޔާސީ މަންފާ ޙާސިލްކޮށްދިނުމުގެ ގޮތުން މުޅި މުވައްސަސާގެ މުސްތަޤިއްލުކަން ގެއްލި، ދިވެހި ފުލުުހުންގެ މުވައްސަސާގެ އަގު ވެއްޓިފައިވާ ކަމަށާއި، ސަރުކާރު ހިންގާ ފަރާތްތަކުން އެދޭހާ ކަންކަން ކޮށްދިނުމަށް ހެއްކާއި ގަރީނާ ނެތި، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަކުގެ މައްޗަށް ދޮގު ތުހުމަތުތައް ކުރަމުން ގެންދާތީ އެމްޑީޕީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަދި އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފުލުހުންގެ މުވައްސަސާއަށް ކުރާ އިތުބާރު ގެއްލި، އަމަން އަމާން ކަމަށާއި ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާން ނިންމާލަމުން އެމްޑީޕީ އިން ވަނީ ދިވެހި ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތަކަށް ފުލުހުން ހުރަސް ނޭޅުމަށް އިލްތިމާސްކޮށްފަ އެވެ.

އަދި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށާއި، ފުލުހުންގެ މުވައްސަސާއިން ހަމަހަމަކަމާއެކު އާންމުންނަށް ޚިދުމަތް ފޯރުކޮށްދީ، އަނިޔާ ނުކުރުމަށާއި، ދޮގު މައުލޫމާތު ފަތުރައި އެމްޑީޕީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އެކިއެކި މަޤާމުތަކުގައި ތިއްބެވި ބެފުޅުން ބޮލުގައި ދޮގު އިލްޒާމްތައް އެޅުވުން ހުއްޓާލުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.