Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑުން ލިވަޕޫލްގެ މައްޗަށް ކުރިހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވާދަވެރި ދެޓީމު، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-2 އިން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑު، އޮލްޑް ޓްރޮފޮޑްގައި ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު ޓީމުގެ ޒުވާން ފޯވާޑް، މާކަސް ރަޝްފޯޑް ވަނީ ދެލަނޑު ޖަހައި ޔުނައިޓެޑަށް ލީޑު ނަގާ ދީފައެވެ.

ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނަސް ޔުނައިޓެޑު ގޯލަށް މާ ނުރައްކާތެރި ހަމަލާއެއް މިހާފުގައި އުފެއްދިފައެއް ނުވެއެވެ. މޮރީނިއޯގެ ޓީމުން ކައުންޓާ އެޓޭކު ފުޓުބޯޅައަށް ބިނާކޮށް މެޗު ކުޅެފައިވާއިރު އެޓީމުގެ ޔުއަން މަޓާއަށް ވަނީ ފުރަތަމަ ހާފުގައި ލީޑު 0-3 އަށް ފުޅާކުރުމަށް ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި އޯވަހެޑް ބޯޅަ ގޯލާ އަމާޒު ވެފައެއް ނުވެއެވެ.

ދެވަނަ ހާފުގައި ލިވަޕޫލް ޓީމުން ކުޅުން ރަނގަޅުކޮށްފައިވާއިރު ޔުނައިޓެޑު ޓީމު ފަހު ހާފުގައި އިސްކަން ދިނީ ދެލަނޑުގެ ލީޑު ހިފެހެއްޓޭތޯއެވެ. ލިވަޕޫލްއިން ފުލުފުލުގައި ހަމަލާ އުފެއްދި ނަމަވެސް ޔުނައިޓެޑު ޑިފެންސުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ލިވަޕޫލްގެ ހަމައެކަނި ލަނޑަކީ ޔުނައިޓެޑުގެ ޑިފެންޑަރު އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމޮޅާއެކު ޔުނައިޓެޑުން ދެވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ވަނީ ނަގާފައެވެ. ލިވަޕޫލަށް 60 ޕޮއިންޓު ލިބިފައިވާއިރު ޔުނައިޓެޑަށް ލިބިފައިވަނީ 65 ޕޮއިންޓެވެ.