އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް މާދަމާ ބާއްވާ މަޖްލިސް ޖަލްސާއަށް ތާވަލްކޮށްފިއެވެ.
އެންޓި ޑިފެކްޝަން ބިލަކީ ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ހުށަހެޅުއްވި ބިލެކެވެ. މި ބިލާއި މެދު ޕީޕީއެމް/ އެމްޑީއޭ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްﷲ އަބްދުއް ރަހީމްއެވެ.
އެންޓި ޑިފެކްޝަން ބިލަކީ މަޖްލިސްއަށް ޕާޓީތަކުން އިންތިހާބްވާ މެމްބަރުން ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮޑި ގެއްލޭ ގޮތަށް ކަނޑައެޅުމަށް އެކުލަވާލި ބިލެކެވެ. މި ބިލްގައިވާ ގޮތުން އަމިއްލައަށް އިންތިހާބްވާ މެމްބަރަކު ޕާޓީ ބަދަލު ކުރުމުން ގޮޑި ނުގެއްލޭނެއެވެ. ޕީޕީއެމް/ އެމްޑީއޭއިން ބުނެފައިވަނީ ބިލް 99 ޕަސެންޓް މެމްބަރުންގެ ތާއިދާއި އެކު ފާސް ކުރާނެކަމަށެވެ.
ފަނޑިޔާރުންގެ ގާނޫނަށް އަބްދުއް ރަހީމް ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)އަށް އަކުރެއް އިތުރުކުރުމަށް ހުށަހެޅި ހުށަހެޅުމެކެވެ.
އެގޮތުން ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ގޮތަށް ބަދަލު ކުރުމަށް އިސްލާހު ވަނީ ހުށަހަޅައިފައެވެ. ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ހުކުމް ކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، އެއީ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާތީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރަކު ވަކި ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ނުހިނގާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ މަޖްލިސްގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ ތިން ބައިކުޅަ ދެބައި މެމްބަރުންގެ ވޯޓުން ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން މިހާރު ހުށަހަޅާފައިވާ އިސްލާހާއި އެކު ފަނޑިޔާރަކަށް ޖިނާއީ ކުށެއް ސާބިތުވެއްްޖެނަމަ ފަނޑިޔާރުކަން ގެއްލޭނއެވެ.