Last Updated: April 24, 10:06
Wednesday, April 24, 2024
ރިޕޯޓް

ލިންކް ރޯޑް: ރައްކާތެރި ކަމަށް އަވަސް ފިޔަވަޅުތަކެއް މުހިއްމު!

އައްޑޫ ލިންކް ރޯޑް. ފޮޓޯ: ނަޖް

އައްޑޫގައި ތާރު އަޅައިގެން 13 ކިލޯމީޓަރުގެ ދިގު މަގެއް 2001 ވަނަ އަހަރު ޤާއިމްކުރަން ނިންމުން ވެގެން ދިޔައީ އައްޑޫގެ ރައްޔިތުންނަށް ލިބުނު އުފާވެރި ކަމަކަށެވެ.

ގާތްގަނޑަކަށް 7.9 މިލިއަން އެމެރިކާ ޑޮލަރު ލޯނަކުން ހިތަދޫ އާއި ގަމާ ދެމެދު އައްޑޫ ބޮޑުމަގުގެ ގޮތުގައި ތަރައްގީކުރި 13 ކިލޯމީޓަރުގެ މި ލިންކް ރޯޑް ރަސްމީކޮށް ހުޅުވީ 2003 ގެ ޖުލައި މަހު އެވެ. އެ މަގު ޑިޒައިންކުރުމާއި މަގު ހެދުމުގެ ކަންކަން ދިޔަ އުޞޫލާއި ސަރުކާރުގެ މަތީ ފަޑިއަށް ބައެއް އެޅުމަށްފަހު "ޚަރަދުކުޑަ" ގޮތެއް ބަލައިގެންނެވެ.

ލިންކް ރޯޑަށް 15 އަހަރުވެގެން ދާއިރު އެމަގުން އައްޑޫގެ ރައްޔިތުންނަށް ލިބޭ ފަސޭހަ އާއި އެއްވަރަށް ހިތާމައާއި ހިތްދަތިކަން ވެސް ވަނީ ގެނެސްފައެވެ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްތަކުގައި ނިޔާވި މީހުންގެ ސީދާ އަދަދު އެއްވެސް މުއައްސަސާއެއްގައި ރިކޯޑް ކުރެވިފައި ނެތް ނަމަވެސް އެ އަދަދު 70 އާއި ގާތްކުރާނެއެވެ.

އައްޑޫ ލިންކްރޯޑަށް 15 އަހަރުވާން ކައިރިވެފައި ވާއިރު އެ މަގު ބެލެހެއްޓުމަށާއި މަގުން ދުއްވާ މީހުންގެ ރައްކާތެރިކަމަށްޓަކައި ދައުލަތުގެ މުއައްސަސާތަކުން މިހާތަނަށް އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއް ހެއްޔެވެ؟

2003 ވަނަ އަހަރު އައްޑޫގެ ގުޅިފައިވާ 5 އަވަށް ގުޅުވާލަދޭ ލިންކްރޯޑް ހުޅުވިއިރު އައްޑޫގެ ގިނަ ބަޔަކު ދުއްވަމުން ގެންދިޔައީ ބައިސްކަލެވެ. ސައިކަލުތައް ހުރި މިންވަރު މަދުއިރު، ކާރު ގެންގުޅުނީ ނިސްބަތުން ވަރަށް މަދު ބައެކެވެ. އޭގެ ތެރޭގައި ވެސް ގިނައީ ޓެކްސީތަކެވެ. ދެން ހުރީ ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެހިކަލްތަކެވެ.

އެހެން ނަމަވެސް ފާއިތުވި 14 ވަރަކަށް އަހަރުގެ ތެރޭގައި މަންޒަރު ބަދަލުވެއްޖެއެވެ. އެވްރެޖް ގޮތެއްގައި އައްޑޫގެ ކޮންމެ ގޭ ބިސީއެއްގައި 2 ސައިކަލް އެބަހުއްޓެވެ. ކާރެއް ނެތް ގެއެއް ނެތޭ ބުނެވޭ މިންވަރަށް އައްޑޫއަށް ކާރު އެތެރެކޮށްފިއެވެ.

ހިިފެހެއްޓުމެއްނެތި އައްޑޫއަށް ސައިކަލާއި ކާރުތައް އެތެރެވަމުން އައި ވަރަކަށް ލިންކް ރޯޑްގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތައް ވެސް އިތުރުވިއެވެ. އެކްސިޑެންޓްތައް އިތުރުވާ ކޮންމެ ފަހަރަކު، ފުލުހުން ނިކުމެ މަގު ބަލަހައްޓަން ފެށިައެވެ އެހެން ނަމަވެސް ޤަވާއިދާއި ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ މީހުންނާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް އެޅޭ ގޮތެއް ނުވެއެވެ.

ރޭސް ޖެހުން ވަރަށް އާއްމު ކަމެއް!

އައްޑޫ ލިންކް ރޯޑުގައި ރޭސް ޖެހުމަކީ ފަހަކަށް އައިސް ވަރަށް އާއްމު ވެފައިވާ ކަމެކެވެ. އެކަން ހުއްޓުވުމަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ މަސައްކަތެއް ނުކުރެވެއެވެ.

ދެފަހަރެއްގެ މަތިން ޓްރެފިކް ފުލުހުންގެ ޚިދުމަތް އައްޑޫގައި އިފްތިތާޚު ކުރިއަސް ޓްރެފިކް ބަލަހައްޓަން ޚާއްސަ ފުލުހުންނެއް އައްޑޫގައި ނެތެވެ. ޓްރެފިކް އޮޕަރޭޝަންތައް ހިންގަނީ ވެސް ފުލުހުންގެ އެހެން ޑިއުޓީތައް އަދާކުރާ ފުލުހުން ނެރެގެންނެވެ.

ލިންކް ރޯޑުގައި ފުލުހުން އާއްމު ގޮތެއްގައި ޓްރެފިކް އޮޕަރޭޝަންތައް ހިންގަނީ ހަވީރު ގަޑީގައެވެ. އެހެންވެ ރޭސްޖަހާ މީހުން ނިކުންނަނީ ފުލުހުންގެ އޮޕަރޭޝަންތައް ނިންމާލާ ގަޑި ބެލުމަށް ފަހުއެވެ. އާއްމު ގޮތެއްގައި ފުލުހުންގެ ޓްރެފިކް އޮޕަރޭޝަންތައް ހަވީރު 6 ޖަހާއިރަށް ނިންމާލައެވެ.

އައްޑޫ އަކީ ބިމުގެ ގޮތުން ބޮޑު ތަނަކަށް ވިޔަސް، ރޭސް ޖަހައި އުޅޭ މީހުންނަކީ ކޮންބައެއް ކަަން އެއީ ހުރިހާ އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ. ފުލުހުންގެ ވެހިކަލްތައް ކުރިމަތިން ރޭސް ޖަހާ ތަން ލިންކް ރޯޑުން އާއްމުކޮށް ދަތުރުކުރާ މީހަކަށް ވެއްޖެއްޔާ ހުންނާނީ ފެނިފައެވެ.

އައްޑޫގައި މޮޓޯ ސްޕޯޓްސް އަށް ލޯބިކުރާ އެތައް ބަޔަކު ތިބިއިރު އެމީހުން ވަނީ އެކަމަށް ޚާއްސަ ގްރޫޕެއް އެކުލަވާލާފައެވެ. އެގޮތުން އެކުލަވާލާފައިވާ 'އައްޑޫ މޮޓޯ ސްޕޯޓްސް ކްލަބް' އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ފަރާތުން ހަރަކާތެއް ބޭއްވިޔަސް ބާއްވަނީ ހަމައެކަނި ބުރާސްފަތި ވިލޭރޭ ކަމަށާއި، އެއީ ވެސް ހަމައެކަނި އީސީސީ ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދާ އިވެންޓްތައް ކަމަށް އޭނާ ބުންޏެވެ.

"އައްޑޫ މޮޓޯ ސްޕޯޓްސް އަކުން ލިންކް ރޯޑުގައި ރޭހެއް ނުބާއްވާނެ. އަދި އެކަން ކުރިއަސް ކުރާނީ ފުލުހުންނާއި މުއައްސަސާތަކުގެ އެހީ ހޯދައިގެން." 'އައްޑޫ މޮޓޯ ސްޕޯޓްސް' ކްލަބުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

މައްސަލައިގެ ހައްލު:

ވެރިރަށް މާލޭގައި ރޭސްޖެހުން އާއްމުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން ފެށުމުން އެކަން ހުއްޓުވުމަށް ސަރުކާރުން ހުޅުމާލޭގައި ރޭސްޖަހަން ވަކި ސަރަހައްދެއް ހަމަޖައްސައި ދިނެވެ. އެފަދަ ސަރަހައްދެއް އައްޑޫގައި ޤާއިމް ނުކުރެވުނު ނަމަވެސް ވަކި ވަގުތުތަކެއްގައި އެފަދަ އިންތިޒާމްތަކެއް ހަމަޖެއްސި ދާނެއެވެ.

ދެން އޮތީ ލިންކް ރޯޑުގައި ހަވީރު ފިންޏަށް ކަސްރަތު ކުރުމުގެ ގޮތުން ހިނގާލަން ދާ މީހުންނާއި ދުވާ މީހުންގެ ވާހަކައެވެ. ލިންކް ރޯޑުގެ ދެފަރާތުން ވެސް ދުވުން ނުރައްކާތެރި ކަމަކަށް ވެފައި ވާއިރު އެމީހުންގެ ސަލާމަތަށް ޓަކައި ފެންސެއް ޖެހުމަކީ ވެސް ކުރިވިދާނެ ކަމެކެވެ.