އިދިކޮޅު ސިޔާސީ ފަރާތްތައް ހައްޔަރުކޮށް، ނަގާ ހުސްވުމުން، ރައީސް އަބްދުﷲ ޔާމީންގެ އަމާޒު މިހާރު ހުރީ ވިޔަފާރިވެރިން ހައްޔަރުކުރުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވިޔަފާރިވެރިޔާ ލެކިއުޓް މާޖިދް ރެސްޓޯރެންޓެއްގެ ތެރޭގައި ހުއްޓާ ފުލުހުން ހައްޔަރުކޮށް، ދޫނިދޫއަށް ގެންދިއުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާޖިދު ވަގުތުން މިނިވަންކުރަން ޖެހޭ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮލިވް ގާޑަން ރެސްޓޯރަންޓު ތެރޭގައި މާޖިދު ހުއްޓާ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާއިރު ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ކަން ވަކީލުންނަށް އަންގާފައިވި ނަމަވެސް ސުވާލެއް ކުރި ކަމެއް ނުވަތަ ކުރާ ތުހުމަތެއް ވެސް ބުނެފައި ނުވާ ކަން ފާހަގަކޮށްލެވެއެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ އެއްވެސް އަސާސެއް ނެތި އިދިކޮޅު މެމްބަރުން ހައްޔަރުކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.