މިއަދު ހެނދުނު ހުޅުމީދޫން އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އައި މީހުން އެމްވީކޭ ފެރީގެ ހަބަރެއް ނުވެގެން އެނބުރި ރަށަށް ނުދެވި ފޭދޫ ބަނދަރު މަތީގައި ތިބެ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ހުޅުދޫން އައިސް ހުރި މީހަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ބުނީ އާދައިގެ މަތިން ފެެރީ 4:00 ޖަހާ އިރު ހުޅުމީދު އަށް ދާން ފޭދޫން ފުރާ ކަމަށެވެ. އެހެން ނަމަވެސް މިއަދު ހެނދުނު 7:00 ގައި އައި އެތައް ބަޔަކު ރަށަށް ނުދެވި ކަންބޮޑުވެފައި ތިބި ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން މި ތިބީ މިކަމާ ވަރަށް ކަންބޮޑުވެފައި. ކުޑަ ކުދިން ވެސް އެބަ ތިބި. ވަރަށް ބޮޑަށް ވަރިބަލިވެފައި މި ތިބީ ވެސް،" ޑޮކްޓަރަށް ދައްކަން ހިތަދޫ ރީޖަނަލް ހޮސްޕިޓަަލަށް އަައިސް ރަށަށް ނުދެވި ހުރި އެ މީހާ ބުންޏެވެ. "އެއްގޮތަކަށް ވެސް ނޭނގޭ ފެރީ ނައިގެން އުޅެނީ ކީއްވެ ކަމެއް. ގުޅީމަ ފޯނެއް ވެސް ނުނަގާ. އަޅުގަނޑުމެން މި ތިބީ ބަނދަރުމަތީގައި ފެރީ އަންނާނެ ކަމުގެ އުންމީދެއްގައި."
އޭނާ އިތުރަށް ބުނީ އެމްވީކޭގެ ހިދުމަތާ ދޭތެރޭ އެއްގޮތަކަށް ވެސް ހިތްހަމަައެއް ނުޖެހޭ ކަމަށެވެ.
"ހަތެއް ޖަހާ އިރު ރަށުން ފެރީ ނައްޓާލާ އިރު ކިރިޔާ ވެސް މީހަކު ލަސްވެއްޖިއްޔާ އެ މީހަކު ބަހައްޓާފައި ފެރީ ނައްޓާލާނެ. އަނެެއްކާ މިހާރު މި ބޭނުން ކުރާ ކުޑަ ފެރީއަކީ އެއްކޮށް ބަންދު ކުރެވިފައި އޮތް އޮއްޗެއް. އެހާ ހޫނު ގަދަ،" އޭނާ ބުންޏެވެ. "އެ މީހުންގެ ސައިޑުން މިސްޓެއް ހެދުނަސް އެއީ މާ ބޮޑު ކަމަކަށް ނަހަދާ. ޕެސެންޖަރުންނާ ދޭތެެރޭ ރަނގަަޅަކަށް ނޫން ކަންތައް ކުރަނީ."
މިކަމާ ބެހޭ ގޮތުން އެމްވީކޭގެ ބަހެއް ހޯދުމަށް ކުރި މަސަައްކަތް ވަނީ އެ ކުންފުނީގެ ބޭފުޅަކާ ނުގުޅިގެން ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ހުޅުމީދު އަށް ކުރާ ފެރީ ދަތުރެއްގެ ކޮޅަކަށް މިހާރު ނަގަނީ 40ރ. އެވެ. މިކަމާ ވެސް އާންމުން ހިތްހަމައެއް ނުޖެހެ އެވެ.
އެމްވީކޭގެ ފެރީ ހިދުމަތާ މެދު އައްޑޫގެ ގިނަ ބަޔަކު ދަނީ ކަންބޮޑުން ފާޅު ކުރަމުންނެވެ. އަދި އެ ކުންފުނީގެ މައްސަލަ އާންމުންނާއި އައްޑު ސިޓީ ކައުންސިލުން ވެސް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވެސް ހުށަހަޅާފަ އެވެ.