Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ގޮނޑިތަކުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރުމަށް ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓްގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްފައެވެ.

އެހެންނަމަވެސް، އެމައްސަލައާ ގުޅިގެން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން ފެބްރުއަރީ އެއްވަނަ ދުވަހު ކުރި އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

މަޖިލިސް މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން އަމުރުގައިވާ ބައި ބާތިލްކުރުމަށް ބަންޑާރަނައިބު ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ބަންޑާރަނައިބު އެދުނެވެ.

ބަންޑާރަނައިބު އެދުނު ފަދައިން ސުޕްރީމް ކޯޓްގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ، ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް އަންގައި ފެބްރުއަރީ 18 ވަނަ ދުވަހު އަމުރު ނެރެފައެވެ.