Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

"ޔަޝް ވެއްޓުމުގެ ކުރިން ފުލުހުންނަށް ގުޅިން"

މ. ވީނަސް ގޭ ފަސް ވަނަ ބުރިން "ވެއްޓި" މިއަދު މަރުވި އަހުމަދު ޔަޝް ވެއްޓުމުގެ ކުރިން އެކަން ފުލުހުންނަށް އެންގިކަމަށް ޔަޝް ހުރި ގެސްޓު ހައުސްއިން ބުނެފިއެވެ.

ގެސްޓު ހައުސްގެ ވެރިފަރާތާއި ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަޝް ގެސްޓް ހައުސްގެ ބެލްކަނީގައި އެލިގަނެގެން އޮތްކަމަށްވެސް ފުލުހުންނަށް އެންގިއެވެ.

ނަމަވެސް ކޯޓު އަމުރެއް ނެތުމުން އެތަނަށް ނުވަދެވޭނެކަމަށް ބުނެފައިވާކަމަށް ގެސްޓު ހައުސްގެ ވެރިން ވަނީ ބުނެފައެވެ.

މާފަންނު ސޮނީ ހާޑްވެއާ ހިންގަމުން އަންނަ އިމާރާތުގެ ހަތަރުވަނަ ބުރި ޔަޝް "ވެއްޓި" މަރުވުމާއި ގުޅިގެން އޭނާ އާއި އެކު އެ ކޮޓަރީގައި ތިބި ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ގެސްޓު ހައުސްގެ ވެރިފަރާތުން ބުނީ ކޮޓަރި ތެރޭގައި ހަމަ ނުޖެހުން އުފައްދާތީ ހެނދުނު 6 ޖަހާކަށް ހާއިރު މައްސަަލަ ފުލުހުންނަށް ރިޕޯޓް ކުރިކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން އަދި ފުލުހުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.